އިންޑޮނޭޝިއާގެ ނައިބު ރައީސް ޖިބްރާން ރަކަބުމިން ރަކާގެ ސާނަވީ ތަޢުލީމީ ސަނަދުގެ ޞައްޙަކަމާމެދު ސުވާލު އުފެދި، އޭނާ މަޤާމުން ދުރުކުރުމުގެ މަސައްކަތް ޤާނޫނުހަދާ މަޖިލީހުގައި ފެށުމާ ގުޅިގެން އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖިބްރާންގެ އެހީތެރިއަކު ބައިނަލްއަގްވާމީ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އިސްތިއުފާގެ ސިޓީ ބުދަ ދުވަހު ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ވަނީ ސީދާ އަރުވާފައެވެ. ނަމަވެސް އެ ސިޓީ ރައީސް ޤަބޫލުފުޅު ކުރެއްވި ކަމެއް އަދި ސާފެއް ނުވެއެވެ.

Ad
rt

ޖިބްރާން އިސްތިއުފާ ހުށަހެޅުއްވީ، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ބޭނުންކުރެއްވި ހައިސްކޫލް ސަނަދަކީ ޞައްޙަ އެއްޗެއް ނޫން ކަމަށް އިންޑޮނޭޝިއާގެ ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. އެ ޙުކުމާ ގުޅިގެން، ޤާނޫނުހަދާ މަޖިލީހުގެ 100 އަށް ވުރެ ގިނަ މެންބަރުން ވަނީ ޖިބްރާން މަޤާމުން ވަކިކުރުމުގެ މަރުޙަލާތައް ކުރިއަށް ގެންދިއުމަށް ތާއީދުކޮށްފައެވެ. އިންޑޮނޭޝިއާގެ ޤާނޫނު ބަޔާންކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލައްވާ ބޭފުޅަކީ ސީނިއާ ސެކަންޑަރީ ތަޢުލީމު ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވާ ބޭފުޅަކަށް ވާންޖެހެއެވެ.

ސިންގަޕޫރާއި އޮސްޓްރޭލިއާއިން ކިޔަވާވިދާޅުވި ޖިބްރާން، އިންތިޚާބަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވީ ބޭރުގެ ސަނަދުތައް އެއްވަރުކޮށްދޭ އިންޑޮނޭޝިއާގެ އިކުއިވަލެންސް ސެޓްފިކެޓެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "ސީނިއާ ހައިސްކޫލް ނުވަތަ އެއާ އެއްވަރުގެ ސަނަދަކާ އެއްފެންވަރު ކުރުމުގެ އަސާސެއްގެ ގޮތުގައި ބެލެވިދާނެ ބޭރުގެ ޑިޕްލޮމާއެއް ނުވަތަ ސެޓްފިކެޓެއް ޖިބްރާންގެ އަތުގައި އޮތްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ފެންނާކަށް ނެތް،" ކަމަށެވެ. ޔުނިވަރސިޓީގައި ކިޔަވާފައިވުމަކީ ސާނަވީ ތަޢުލީމު ފުރިހަމަކުރި ކަމުގެ ހެއްކެއް ކަމަށް ޖިބްރާން މީގެ ކުރިން ވިދާޅުވި ނަމަވެސް، ކޯޓުގެ ނިންމުމަށް ގޮންޖަހައި އެ ސަނަދުތަކުގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ފުރުޞަތަކަށް އޭނާ އެދިވަޑައިގެންފައިވާ ކަމަށް ސްޓޭޓް ސެކްރެޓަރީ ޕްރަސެތިޔޯ ހާދީ ވަނީ ވިދާޅުވެފައެވެ.

ޖިބްރާން ނައިބު ރައީސްކަމަށް ވަޑައިގެންނެވީ އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޯވީ) އާއި، ކުރިން އޭނާގެ ވާދަވެރިއެއްގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް ޕްރަބޯވޯއާ ދެމެދު ހެދި ސިޔާސީ އިއްތިޙާދުގެ ދަށުންނެވެ. އޭރު 36 އަހަރުގެ ޖިބްރާނަށް އެ މަޤާމަށް ވާދަކުރެއްވުނީ 40 އަހަރު ފުރިފައިވާންޖެހޭ ޤާނޫނީ ޝަރުޠުން އޭނާ އިސްތިސްނާކޮށް ދުސްތޫރީ ކޯޓުން މައްސަލަ ނިންމުމުންނެވެ. ނަމަވެސް ޕްރަބޯވޯ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޖޮކޯވީގެ މައިގަނޑު މަޝްރޫޢު ކަމަށްވާ އައު ވެރިރަށް ނުސަންތާރާ ބިނާކުރުމުގެ މަސައްކަތަށް ސަމާލުކަން ނުދެއްވައި، ޕްރަބޯވޯގެ އަމިއްލަ ވަޢުދެއް ކަމަށްވާ ދަރިވަރުންނަށް ހިލޭ ކާނާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމަށް އިސްކަންދެއްވުމުން ދެ ފަރާތުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތަކަށް ބަދަލުތައް ގެންނަވައި، މާލީ ވަޒީރު ސްރީ މުލްޔާނީ އިންދްރަވަތީ ހިމެނޭހެން ޖޮކޯވީއަށް ވަފާތެރި ގިނަ ބޭފުޅުން ޕްރަބޯވޯ ވަނީ މަޤާމުތަކުން ދުރުކުރައްވާފައެވެ. އަދި ރައީސަށް ސިއްރުން އަޑުއެހި ކަމުގެ ތުހުމަތުގައި ރައީސްގެ ޗީފް އޮފް ސްޓާފް އަދި ޖޮކޯވީގެ ގާތް ބޭފުޅެއް ކަމަށްވާ ލިސްޓިއޯ ސިގިޓް ޕްރަބޯވޯ މިދިޔަ ހަފުތާގައި ހައްޔަރުކޮށް ވަޒީފާއިން ވަކިކޮށްފައިވާއިރު، ޖޮކޯވީގެ ހަގު ދަރިކަލުން ކައިސަންގް ޕަންގަރެޕްގެ ޕާޓީން ކެބިނެޓުގެ ތިން ވަޒީރަކު މި ހަފުތާގައި ވަނީ ކުއްލި ގޮތަކަށް ވަކިވެވަޑައިގެންފައެވެ.

ޖިބްރާންގެ އިސްތިއުފާގެ މައްސަލަ ކުރިމަތިވެފައި މިވަނީ ޕްރަބޯވޯގެ ވެރިކަމަށް ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ދަރިވަރުންނަށް ހިލޭ ކާނާ ދިނުމުގެ މަޝްރޫޢަށް ފައިސާ ހޯދަން ދަތިވެފައިވާއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޤައުމުގައި ހިނގި އެންމެ ބޮޑު ޖަންގަލީގެ އަލިފާނުގެ ހާދިސާތަކާއި، ޙިއްޞާގެ ބާޒާރުގެ އޮޅުވާލުންތަކާ ދެކޮޅަށް ޔުނިވަރސިޓީ ދަރިވަރުން ދަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތައް ކުރަމުންނެވެ.