ހއ. ތަކަންދޫ ކައުންސިލްގެ "މުއައްސަސާ ކަޕް 2026" އަންހެން ވޮލީ މުބާރާތް އިއްޔެ ފަށާފައިވާއިރު، މުޅި ރަށުތެރެއިން މިހާރު ފެންނަމުން ދަނީ ކުޅިވަރުގެ ރޫޙާއެކު އުފެދިފައިވާ އުފާވެރި ދިރުންހުރި މާޙައުލެކެވެ.

ކައުންސިލްގެ ރައީސް ޢަބްދުލް ރައްޒާޤް "ތިލަދުން"އަށް ވިދާޅުވީ، މި ފަދަ މުބާރާތްތަކަކީ ރަށުގެ އިޖްތިމާޢީ ރޫޙު އާލާކޮށް، ރައްޔިތުންގެ މެދުގައި އުފާވެރިކަން ޤާއިމު ކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.

Ad
rt

މީގެއިތުރުން، ޑިސެމްބަރ މަހުގެ ޗުއްޓީއާއި ޢީދު ފަދަ މުނާސަބަތުތައް ފިޔަވައި އެހެން ދުވަސްވަރު ރަށުގައި އުޅޭ މީހުންގެ ޢަަދަދު މަދުވި ނަމަވެސް، އެ ވަގުތަކު ރަށުގައި ތިބި މަދު ރައްޔިތުންނަށް ޢަމާޒުކޮށް މި ފަދަ ކަންކަން ރާވާ ހިންގުމުން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބަކާއި އުފާވެރިކަމެއް ފެނިގެންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ކައުންސިލުން އިންތިޒާމްކުރި މި މުބާރާތް ފެށިގެން ދިޔައީ ތަކަންދޫ ސްކޫލާއި ތަކަންދޫ ކައުންސިލް އިދާރާގެ މެޗުންނެވެ. އެ މެޗު 3 ސެޓުން ކާމިޔާބު ކޮށްފައިވަނީ ކައުންސިލް ޓީމެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކައުންސިލް ޓީމްގެ ޖާޒީ ނަންބަރ 7 ރީނާ ޢަބްދުﷲއެވެ.

މި މުބާރާތުގެ މާދަމާގެ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާ އާއި ތަކަންދޫ ހެލްތު ސެންޓަރެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުކަމަށް ތަކަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.