ގަދައަށް ވާރޭވެހި ޣައްޒާގައި އަނެއްކާވެސް ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން ހަ މީހުން މަރުވެ، އެތައް ލައްކަ ބައެއްގެ ދިރިއުޅުން ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަޙްގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅެމުންދިޔަ ފޭލިގެތަކެއްގެ މައްޗަށް ވެލީގެ ފަސްގަނޑެއް ފައިބައި، އަންހެނަކާއި ހަތަރު ކުޑަކުދިން މަރުވެފައިވާއިރު، ތުއްތު ކުއްޖަކު ވަނީ ފެނުގެ ތެރެއަށް ގެނބިގެން މަރުވެފައެވެ.
ފަލަސްޠީނުގެ ސިވިލް ޑިފެންސުން ހާމަކުރި ގޮތުގައި، ވެލިގަނޑު ދަށުވެ މަރުވި އަންހެން މީހާއަކީ ތަޙްރީރު ނަބްހާން އެވެ. އަދި މަރުވި ކުދިންގެ ތެރެއިން ދެ ކުދިންނަކީ އޭނާގެ އަމިއްލަ ދަރިންނެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 6 ވީ ހުކުރު ދުވަހު ގަދަ ވިއްސާރައާއި ބާރު ވަޔާއެކު މުޅި ޣައްޒާއަށް އެރި ބާރުގަދަ ތޫފާނާ ގުޅިގެންނެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި، ވިއްސާރައިގެ ފުރަތަމަ 12 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 70،000 ފޭލިގެއެއްގައި ވަނީ ފެންބޮޑުވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގެދޮރު ގެއްލިފައިވާ 350،000 ފަލަސްޠީނު ރައްޔިތުން މިހާރު ތިބީ އެއްވެސް ހިޔާވަހިކަމެއް ނެތި ހާމަ ތަނުގައި ނިދަން މަޖުބޫރުވެފައެވެ. ބައެއް ސަރަޙައްދުތަކުގައި ފެންގަނޑު 1.5 މީޓަރަށް އުފުލިފައިވާއިރު، ފެންބޮޑުވި ފުރަތަމަ ހަފުތާ ބަންދުގައި ލިބުނު ކުއްލި އެހީގެ 2،000 ކޯލުގެ ތެރެއިން ރެސްކިއު ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދެވުނީ އެންމެ 10 އިންސައްތަ ހާލަތުގައެވެ. ސިވިލް ޑިފެންސުން ފާހަގަކުރި ގޮތުގައި ގިނަ ބަޔަކަށް އެހީނުވެވުނީ ތެލުގެ ދަތިކަމާއި، މެޝިނަރީތައް އެތެރެކުރުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުންނެވެ.
މި ކާރިސާ އިތުރަށް ގޯސްވެގެން ދިޔައީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ ކަމަށް އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ. އދ. އިން ހާމަކުރި ގޮތުގައި، މެންބަރު ޤައުމުތަކާއި އެހީދޭ ޖަމްޢިއްޔާތަކުގެ އިތުރުން މިޞްރުގެ ރިލީފް ކޮމިޓީން ފޮނުވާފައިވާ 150،000 އަށް ވުރެ ގިނަ ފޭލިގެ، އެތެރެކުރުމުގެ ހުއްދަ ނުލިބި ޣައްޒާގެ ބޯޑަރުގައި ވަނީ ތާށިވެފައެވެ. ސޭވް ދަ ޗިލްޑްރަންގެ ރީޖަނަލް ޑިރެކްޓަރ އަޙްމަދު އަލްހެންދާވީ ވިދާޅުވީ، މިއީ ހަމައެކަނި މޫސުން ގޯސްވުމުގެ މައްސަލައެއް ނޫން ކަމަށާއި، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހުރަސްއަޅާތީ ކުޑަކުދިން ފެންބޮޑުވެފައިވާ ތަންތަނުގައި ނިދަންޖެހިފައިވާއިރު ހިޔާވަހިކަމުގެ ސާމާނާއި ތެޔޮ ހުރީ ބޯޑަރު ކައިރީގައި ކަމަށެވެ. މިއީ ގަސްތުގައި ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އދ. ގެ އަންދާޒާތަކުން ދައްކާގޮތުގައި ގަދަކަމުން ގެދޮރުން ނެރެލެވިފައިވާ 1.4 މިލިއަން މީހުން ދިރިއުޅެނީ ވަގުތީ ފޭލިގެތަކުގައެވެ. މީގެ ތެރެއިން 950،000 މީހުން ތިބީ ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައެވެ. އަދި ބޯހިޔާވަހިކަމުގެ ކަންކަން ބަލަހައްޓާ 'ޕަލަސްތައިން ޝެލްޓަރ ކްލަސްޓަރ' އިން ހެދި ދިރާސާއަކުން ދައްކަނީ އާބާދީގެ 58 އިންސައްތަ މީހުން ދިރިއުޅެމުންދަނީ "ނާޒުކު ނުވަތަ ކާރިސީ" ޙާލަތެއްގައެވެ. ފެންހިންދާ ނިޒާމުތަކާއި ނަރުދަމާ ޕްލާންޓްތައް އިސްރާއީލުން ގަސްދުގައި ހަލާކުކޮށް، ޣައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުން ހުއްޓުވާފައި އޮތުމަކީ އާދައިގެ ވާރޭވެހުމެއްގައިވެސް ކެތްކޮށްނުލެވޭ ފަދަ އިންސާނުން އުފެއްދި ކާރިސާއެއް އުފެދެން މެދުވެރިވި ސަބަބެވެ.
ގެދޮރު ގެއްލިފައިވާ މީހުންގެ ފޭލިގެތަކަކީ ވެއްޔާއި ވާރޭފެނުގެ ދަށުގައިވާ މަރުގެ ދަންތުރަތަކަކަށް ވެގެން ނުވާނެ ކަމަށް ބުނެ، އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ސިވިލް ޑިފެންސުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ. ފޭލިގެތަކުގައި ދިރިއުޅޭ ރައްޔިތުން މީސްމީޑިއާގައި ކިޔައިދީފައިވާ ގޮތުގައި، ކޮންމެ މޫސުމަކާއެކު ކުރިމަތިވަނީ ކެތްނުކުރެވޭ ވަރުގެ ބޮޑެތި ތަކުލީފުތަކެކެވެ. ފޭލިގޭގެ ފުރާޅުން ފެން ފޮޅަން މަސައްކަތްކުރަމުން ދަނިކޮށް އެންމެ ފަސް މިނެޓު ތެރޭގައި ފައިދަށުން ފަސް ސެންޓިމީޓަރަށް ވުރެ މައްޗަށް ފެންބޮޑުވެ، ހުރިހާ އެއްޗެއް ބިރުވެރި ހުވަފެނަކަށް ބަދަލުވެގެން ދިޔަ ކަމަށް އާންމުން ވަނީ ހިއްސާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!