" އަރަންވީ؟" މާޔާ އެހިއެވެ.

އެހެން ދުވަސްތަކާ ޚިލާފަށް މިއަދު މާޔާގެ ހިތުގައި ވެސް ލަދުވެތިކަމެއްވާކަން މާޔާއަށް އިޙްސާސް ކުރެވުނެވެ. މީގެކުރިން އެކުވެރިއެއްގެ ގޮތުގައި ދެކެމުން އައި ނަޖާހުގެ ހިތުގައި އޭނާއާމެދު ވަރުަގަދަ ލޯތްބެއް އުފެދިފައިވާކަން އެނގުމުން މާޔާގެ ހިތަށް ހުރީ އުނދަގޫވެފައެވެ.

Ad
rt

" އަހަރެން މިއައީ ބަލައޭ." ހެވިފައި ހުރެ ނަޖާހު ބުނެލީ މަޖާ ރާގަކަށެވެ.

ނަޖާހުގެ މަޖާ މިޒާޖު ކުރިން ވެސް މާޔާއަށް ނުހަނު ކަމުދެއެވެ.

މާޔާ މަޑުމަޑުން ސައިކަލަށް އެރިއެވެ. އެއާއެކު ދެ މީހުންގެ ދެމެދަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. ނަޖާހުގެ ހިތަށް ވެރިވެފައިވަނީ، ބުނަން ބޭނުންވެ، ނުބުނެވި ހުރި އެތައް ވާހަކަތަކަކުން ފުރިގެންވީ ބަރުދާސްތުކުރަން ދަތި ހިމޭންކަމެކެވެ.

" ކޮންތާކަށް ދާނީ؟" ނަޖާހު އަހާލިއެވެ.

" ހިތްފަސޭހަ މާހައުލަކަށް." މާޔާ އަވަސް އަވަހަށް ބުންޏެވެ.

" ހުޅުމާލެއަށް ދާންވީ؟" ނަޖާހު އެހިއެވެ.

މާޔާ މަޑުމަޑުން ހޫމް އަޅުވާލުމާއެކު ނަޖާހު މިސްރާބު ބަދަލުކޮށްލީ ބްރިޖާ ދިމާލަށެވެ. އެ ދިގު ދަތުރު، ހުޅުމާލޭ ފޭސް އެކެއްގެ ބީޗާ ހަމައިން ނިމުނު އިރު ވެސް ދެ މީހުންގެ ދެމެދުގައި އޮތީ ހިމޭންކަމެވެ.

" ކޮފީއެއް ބޭނުންތަ؟" ނަޖާހު އަހާލިއެވެ.

ދެ އަތް އުރާލަމުން މާޔާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

ކުރިމަތިން ފެންނަން އޮތް އަނދިރި މޫދާ ދިމާލަށް ނަޒަރު ހުއްޓައިގެން އިން މާޔާގެ މޫނަށް ނަޖާހު ބަލަމުން ދިޔައީ ސިއްރުންނެވެ. ދެކެމުން އައި ހުވަފެން ފޮނި ހަޤީޤަތަކަށް ހެދުމުގެ ޔަޤީންކަމުގައި އޭނާ ހުރީ އުފަލުންނެވެ.

" ޒިމްނާ ކީކޭ ބުނީ؟" އެހެން އިނދެ މާޔާ އަހާލިއެވެ.

މާޔާ ވާހަކަ ދައްކަން ފެށުމުން، ނަޖާހުގެ ހިތަށް ދިޔައީ ފިނިވެގެންނެވެ.

" ޒިމް ބުނީ މީޓް ކުރަން އޯކޭވި ވާހަކަ. އިތުރަށް އެއްޗެއް ނުބުނެ." ލަދުން ހުރެ ނަޖާހު ބުންޏެވެ.

" އަހަރެންގެ އެއްވެސް ޝަރުޠެއްގެ ވާހަކަ ބުނިތަ؟" ނަޖާހުގެ މޫނަށް ބަލައިލަމުން މާޔާ ސުވާލު ކުރިއެވެ.

އެއާއެކު ނަޖާހުގެ މޫނުމަތީގައި ހުރި އުފާވެރިކަމަށް ކުޑަ ކިލަނބުކަމެއް ވެރިވެއްޖެއެވެ. ޝަރުޠެއްގެ ލަފުޒާއެކު ނަޖާހު ކޮންމެވެސް ވަރަކަށް ބިރުގެންފިއެވެ.

" ބުނިތަ؟" މާޔާގެ އަޑަށް ނަޖާހު ދިޔައީ ސިހިގެންނެވެ.

" ތިކަހަލަ އެއްޗެއް ނުބުނެ" ނަޖާހު ބުންޏެވެ.

" އަހަރެން ބުނިން ނަޖާއާ ރައްޓެހިވާނީ ޝަރުޠެއްގެ މަތިންނޭ. " މާޔާ ބުންޏެވެ.

މާޔާގެ ވާހަކަ އަޑުއަަހަން، ނަޖާހުއަށް އުނދަގޫވީ ކަހަލައެވެ. ސުވާލު ކުރުމެއްނެތި އޭނާ އިނެވެ.

" އަހަންނަށް އެނގޭ ނަޖާ އަހަރެންދެކެ ލޯބިވާކަން. އެކަމަކު އަހަރެން އެއްވެސް ވަރަކަށް ނަޖާ ދެކެ ލޯތްބެއް ނުވެ. އަހަރެން ލޯބި ނުވިޔަސް ، ނަޖާ އަހަރެން ބޭނުންތަ؟" މާޔާ އެހިއެވެ.

ބޭއިޙްތިޔާރުގައި ނަޖާހުއަށް ބޯ ޖަހާލެވުނެވެ. ޙަޤީޤަތުގައި ވެސް އޭނާ އިންތިހާއަށް މާޔާ ބޭނުމެވެ. އިންތިހާއަށް މާޔާދެކެ އޭނާ ލޯބިވެސް ވެއެވެ. މާޔާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުމެވެ. އެ ހުވަފެންތައް އޭނާ ދެކެމުންދާތާ ކިތަންމެ ދުވަހެކެވެ.

" އަހަރެންދެކެ ލޯބި ނުވިޔަސް، އަހަރެންގެ ޙަޔާތަށް މާޔާ އަންނަން ބޭނުން ނަމަ އާދެވޭނެ. ހީވަނީ އަހަރެންދެކެ މާޔާއަށް ލޯބި ވެވިދާނެހެން." ޖެހިލުންވެ ހުރެ ނަޖާހު ބުންޏެވެ.

އެއާއެކު މާޔާ ދެރަވެއްޖެއެވެ. ނަޖާޙު އޭނާއަށް ކުރާ އުއްމީދުތައް، އެހާ ބޮޑުވެދާނެކަމަކަށް ފަހަރެއްގައި ވެސް މާޔާ ހިއެއް ނުކުރެއެވެ.

" އަހަންނަށް ނަޖާ ދެކެ ލޯބިވެވިއްޖެއްޔާ، އަހަރެން ވަގުތުން ހަމަ ކައިވެނި ކުރާނަން.. އެކަމަކު، ކައިވެނީގެ ކުރިން، އާއިޒް އަހަރެން ކައިރިއަށް އައްޔާ އަހަރެން ބޭނުންވާނެ އާއިޒް. އެއީ އަހަރެންގެ ޝަރުޠު. ނަޖާދެކެ ލޯބި ނުވެވެނިސް، އާއިޒް އައްޔާ އަހަރެން ދާނަން އާއިޒާއެކު." އަވަސް އަވަހަށް މާޔާ ބުންޏެވެ.

އެ ޖުމްލަތައް އަޑުއަހަން ނަޖާހުއަކަށް ފަސޭހައެއް ނުވިއެވެ. އެހާ ހަރުކަށި، ބޮޑު ޝަރުޠެއް މާޔާގެ ދުލުން ބޭރުކޮށްފާނެކަމަކަށް ނަޖާހު ހިއެއް ނުކުރެއެވެ. އެއްބަސްވާން އޭނާއަކަށް ފަސޭހައެއް ނުވިއެވެ. މާޔާ އޭނާއަށް ލިބުމަށްފަހު، އެހެން މީހަކަށްޓަކައި މާޔާ ދޫކޮށްލުމަކީ ނަޖާހުއަށް ކުރެވޭނެކަމެއް ނޫނެވެ.

ގަނޑުވެފައި ހުރި ނަޖާހުގެ މޫނަށް ބަލައިލަމުން މާޔާ ކުޑަކޮށް ހިނިތުންވެލިއެވެ.

" އަހަންނަށް ހީވަނީ ނަޖާ ތި ވިސްނަނީ ވަރަށް ނެގަޓިވްކޮށްހެން. ކޮންމެވެސް ވަރަކަށް ޕޮޒިޓިވްކޮށް ވިސްނަބަލަ. އާއިޒް ނައިސްދާނެއެއްނު. އެ ގޮތްދޫނުކުރުންމަތީ އޭނަ ހަމަ އެހެން ހުރެދާނެއެއްނު. ނޫނީ އަހަންނަށް ނަޖާދެކެ ވަރަށް އަވަހަށް ލޯބިވެސް ވެވިދާނެއެއްނު. އަހަންނަށް އެނގޭ ނަޖާ ތި ހިތަށް އަރަނީ ކޯއްޗެއްކަން." މާޔާ ބުންޏެވެ.

ނަޖާހު، ފުން ނޭވާއެއް ދޫކޮށްލަމުން ދުރަށް ބަލައިލިއެވެ. އޭނާގެ ހިތަށާއި، ހަށިގަނޑަށް ނުހަނު ބަރުވެއްޖެއެވެ. މާޔާގެ ދުލުން ފަސޭހަކަމާއެކު އެ ޝަރުޠުތައް ބޭރުކޮށްލި ނަމަވެސް، އެއީ ނަޖާހުއަށް ކުޅަދާނަވާނެ ކަމެއް ނޫނެވެ. ފަހަރެއްގައި ވެސް މާޔާ އޭނާއަށް ގެއްލޭކަށް ބޭނުމެއް ނޫނެވެ.

" އާއިޒްދެކެ އަދިވެސް ވަރަށް ލޯބިވޭތަ؟" ނަޖާހު އެހީ ބަލި ހިތަކައިގެންނެވެ.

އެއާއެކު މާޔާ ނަޖާހުގެ މޫނަށް ބަލައިލީ ހިނިތުންވުމާއެކުއެވެ.

" އަދިވެސް ހަމަ އެހާ ލޯބިވޭ. އަހަންނަށް ހަމަ ޔަޤީން އާއިޒް އަހަރެންދެކެ ވެސް ވަރަށް ލޯބިވާނެކަން. މަންމަ ނިޔާވުމުގެ ޝޮކްގައި އޭނަ އެގޮތަށް ކަންތައްކުރީ. ރަނގަޅަށް ވިސްނުނީމަ އޭނަ ދެރަވާނެ. އަހަރެން ބަލާ އަންނާނެ. " މާޔާގެ އަޑުގައި ތުރުތުރުލުމެއް އުފެދިއްޖެއެވެ. އެހެންވެ، އިތުރަށް އެ ވާހަކަ ދައްކަން އޭނާ ބޭނުމެއް ނުވިއެވެ.

" ނަޖާ! އަހަންނަށް އާއިޒްގެ ވާހަކަ ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ. އެކަމަކު... އެކަމުގެ ސަބަބުން އަނިޔާވާނީ ހަމަ ނަޖާގެ ހިތަށް. އަހަރެން ނަޖާ ކައިރި ވާހަކައެއް އަހާލަން ބޭނުން." މާޔާ ބުންޏެވެ.

އާނއެކޭ ބުނާ ފަދަ ގޮަތަކަށް ނަޖާހު މާޔާއަށް ބޯ ޖަހާލިއެވެ.

" އެއްވެސް އެއްޗެއް ނަޖާއަށް އޮޅުވާނުލައި އަހަރެން މި ކިޔައިދިނީ. އަދިވެސް ނަޖާ އަހަރެން ބޭނުންތަ؟" މާޔާ އެހިއެވެ.

ބޭއިޙްތިޔާރުގައި ނަޖާހުއަށް ބޯ ޖަހާލެވުނެވެ. ނަޖާހުގެ ޖަވާބުން މާޔާއަށް ލިބުނީ ސިހުމެކެވެ. އޭނާ އެ ތަނަށް އައީ އެ އުއްމީދަކު ނޫނެވެ. މާޔާ ހީކުރީ، މާޔާގެ ވާހަކަތައް އަޑުއެހުމަށްފަހު، އޭނާގެ ޝަރުޠަށް ނަޖާހު ނޫނެކޭ ބުނާނެކަމަށެވެ.

" މާޔާ އާއިޒްދެކެ ތި ލޯބިވާ ވަރަށް، ނޫނީ އެއަށްވުރެން ބޮޑަށް އަހަރެން މާޔާދެކެ ލޯބިވޭ. މާޔާއަށް އެނގޭތަ؟ ތިމާ އެންމެ ލޯބިވާ މީހާ، އެހެން މީހަކުދެކެ ލޯބިވާކަން އެނގުމަކީ، ހިތަށް ކުޅަދާނަވާނެ ކަމެއް ނޫންކަން. އެކަމަކު ޝަރުޠަކާއެކު ވެސް މާޔާ އަހަންނަށް ތި ދިން އުއްމީދަކީ މިއަދާހަމައަށް އަހަންނަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން." އަސަރާއެކު ނަޖާހު ވާހަކަ ދައްކަމުން ދިޔައިރު ވެސް މާޔާއަށް އިނދެވުނީ ހައިރާންކަމުގައެވެ.

އެއާއެކު ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ދައްކާނެ ވާހަކައެއް ނޭނގި މާޔާ އިންދާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ ނަޖާހެވެ.

" މާޔާ ބޭނުންތަ ފުރުޞަތެއް ދޭން؟" ނަޖާހު އެހިއެވެ.

މާޔާ ބޯ ޖަހާލިއެވެ. ލިބުނު އުފަލަށް ވުރެ އޭރު ވެސް ނަޖާހު ހުރީ މާ ބޮޑަށް ވެސް ދެރަވެފައެވެ.

ފޮށި ހިފައިގެން މާޔާ ނިކުތް އިރު، ޒިމްނާ އިނީ ސިޓިންރޫމްގައެވެ.

" އެ ކުދިން ނިދާފަ ތިބީމަ ނުކެރޭނެ ދާކަށް. އެކަނި ދާތީ ވަރަށް ކަންބޮޑުވޭ." ޒިމްނާ ބުންޏެވެ.

" އޯކޭ ވާނެ. އަވަސް ރައިޑަށް ޖަހާލީމަ ސޭފް ވާނެއެއްނު. މިހާ ދަންގަޑިއެއްވީމަ މަ ވެސް ވަރަށް ބިރުގަނޭ." މާޔާ ބުންޏެވެ.

އެ ވަގުތު މާޔާގެ އަތުގައި އޮތް ފޯނު ބާރަށް ރިންގް ވާން ފެށިއެވެ. ޒިމްނާގެ ސަމާލުކަން ވެސް ފޯނަށް ދަމައިގަތީ ރިންގް އަޑު ގަދަ ކަމުންނެވެ.

" މިހުރީ ބޭރުގަ." ނަޖާހު ބުންޏެވެ.

" ބޭރުގައޭ؟ އެ ކީއްކުރަނީ މި ގަޑީގައި؟" މާޔާ ހައިރާންވެފައި ސުވާލު ކުރީ ޒިމްނާގެ މޫނަށް ބަލައިލަމުންނެވެ.

" ބުނީމެއްނު 11 ޖަހާއިރަށް އެއަރޕޯޓަށް ދާ ވާހަކަ. އެހެންވެ މާ ލަސް ގަޑިއެއްވީމަ ހިތަށް އެރީ މާޔާ ގޮވައިގެން ދާނަމޭ." ނަޖާހު ބުންޏެވެ.

ނަޖާހުގެ އޯގާތެރި ބަސްތަކުން މާޔާއަށް ހިނިތުންވެލެވުނެވެ.

" އަސްލުތަ؟ އަޅެ ހާދަ ރަނގަޅޭ. އަހަރެން މި ހުރީ ވެސް އެކަނި ދާން ޖެހިލުންވެފައޭ. މި ނިކުންނަނީ އިނގޭ." މާޔާ ބުންޏެވެ.

" ފޮށި ހުންނާނެއެއްނު. އަހަރެން އަރަންތަ މައްޗަށް؟" ނަޖާހަު އެހިއެވެ.

" ހޭ ނޫނޭ! އެންމެ ދެ ދުވަހަކަށްނު މި ދަނީ. ވަރަށް ލުއި ވާނެ ފޮށި. އެބަ ދަން." މާޔާ ބުންޏެވެ.

މާޔާ ފޯނު ބޭއްވުމާއެކު ޒިމްނާ އޭނާއާ ދިމާކުރަން ފެށިއެވެ.

" ވާއޯ! ނަޖާހު ބަލާ އައީތަ؟ އަޅޭ!" ޒިމްނާ ބުންޏެވެ.

" ހޫމް ދެން މީނައަށް މި ވާ ވަރެއް. " ހެމުން ހެމުން މާޔާ ބުންޏެވެ.

މާޔާ ނިކުތް އިރު ނަޖާހު ހުރީ ދޮރުމަތީގައެވެ. އޭނާ އަވަސް އަވަހަށް މާޔާގެ އަތުގައި ހުރި ފޮށި ހިފައިގެން މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި އޮތް ކާރާ ދިމާލަށް ހިނގައިގަތެވެ.

" ނަޖާ ކާރު ދުއްވަންތަ؟" މާޔާ އެހީ ހައިރާންވެފައެވެ.

" މިއީ ރައްޓެހި ސޮރެއްގެ ކާރެއް. ދޭތެރެއަކުން އަރާލަން." ނަޖާހު ބުންޏެވެ.

" އަނެއްކާ އަހަރެން ގޮވައިގެން ދާން ވެގެން ކާރެއް ވަގަށް ނެގީތަ؟" ހިނިގަނޑެއް ޖަހާލަމުން މާޔާ އެހިއެވެ.

އެ އާއެކު ނަޖާހު ވެސް ބާރަށް ހީގަތެވެ.

" ނޫނޭ! އަހަރެން ވައްކަމެއް ނުކުރާނަން. އެކަމަކު ވާން އުޅޭ އަނބިމީހާއަށްޓަކައި، ދެން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރެވޭތޯ ބަލާނަން. އެހެން މީހަކު އައިސް ގެންދަން ވާއިރަށް މިލްކު ކުރެވުމަކީ އަހަރެންގެ ދުޢާ." ނަޖާހު ބުންޏެވެ.

އެއާއެކު މާޔާގެ ހިތަށް ހިމޭންކަން ވެރިވިއެވެ.

" ފުރުމުގެ ކުރިން ވެސް ހަބަރެއް ވައްޗޭ. އަނެއްކާ އަހަންނަށް މާޔާއަށް މާ އުނދަގޫ ކުރެވެނީތަ؟ އަސްލު ތިހެން އެކަނިމާއެކަނި ދަތުރަކަށް ފޮނުވާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު އަދި އަހަރެންގެ ބާރެއް ނުފޯރުވޭނެ ދޯ." ނަޖާހު ބުންޏެވެ.

" އޯކޭވާނެ. އަހަންނަކީ ކުޑަކުއްޖެއް ނޫނޭ." މާޔާ ބުންޏެވެ.

" ކައިގެންތަ ތި އައީ؟" ނަޖާހު އެހިއެވެ.

މާޔާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ޗެކިން ވެފައި ބޭރަށް ނިކުންނަންވީނު. އެއްޗެއް ކާލައިގެން ދާނީ. އަހަރެން ވެސް ނުކަމޭ." ހަމަޖެހޭގޮތް ދައްކަމުން ނަޖާހު ބުންޏެވެ.

" ދެން ނަޖާ! އޯކޭ ވާނެޔޭ. " އާދޭހުގެ ރާގަކަށް މާޔާ ބުނެލިއެވެ.

" އޯކޭއެއް ނުވާނެއެއްނު ހުރިހާ ކަމެއް. " ނަޖާހު ބުންޏެވެ.

އެންމެ ފަހުން މާޔާއަށް ޖެހުނީ ނަޖާހު އެދޭ ގޮތަށް ކަންތައް ކުރާށެވެ. މޭޒު ކައިރީ އިށީން އިރު ވެސް މާޔާ އިނީ ލަދުންނެވެ. ސޭންޑްވިޗަށް އޯޑަރ ކުރުމަށްފަހު ނަޖާހު މާޔާގެ މޫނަށް ނަޒަރު ހިންގާލިއެވެ.

" އަހަރެންގެ ހުރީ ހަމައެކަނި ބައްޕަ. މަންމަ ދުނިޔެއަކު ނެތް. މާޔާގެ ވާހަކަ ބައްޕަގާތު ބުނަން ވަރަށް ބޭނުން. އެކަމަކު، ފަހުން އަހަރެން ލަދުގަންނަން ޖެހިދާނެތީ އަސްލު ނުބުނަން މި ހުރީ." ނަޖާހު ބުންޏެވެ.

" އެ ކީއްވެ؟" ބޭއިޙްތިޔާރުގައި މާޔާއަށް ސުވާލު ކުރެވުނެވެ.

"އެއީ.. ބައްޕަ މިހާރު ވެސް އަހަރެން މީހަކާ ނީނދެގެން އުޅެނީ. ބައްޕަގެ ހުރީ ވެސް އަހަރެން އެކަނި. ބައްޕައާއި ދޮންމަންމަ އުޅެނީ ވަކި ދިރިއުޅުމެއްގައި. ވަރަށް ފަހުން ބައްޕަ ކައިވެނި ކުރީ ދޮންމަންމައާ. ދޮންމަންމައަކީ ވެސް ކުއްޖަކު ނެތް މީހެއް. އެހެންވެ، އެ މީހުންގެ ހުރިހާ ވެސް މީހަކީ ހަމައެކަނި އަހަރެން. ދެން އެހާ އުފާވެރި ހަބަރެއް ދީފަ، ކުއްލިއަކަށް އަހަރެންގެ އަތުން މާޔާ ގެއްލުނު ވާހަކަ ބުނާކަށް ނުކެރޭނެއެއްނު." ނަޖާހު ބުންޏެވެ.

އެވަގުތު ޝައުޤުވެރިކަމާއެކު އަޑުއަހަން އިން މާޔާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

" އޯލްރެޑީ ތި ހުރީ އަހަރެން އާއިޒަށް ދީގެން ދޯ؟" މާޔާ ބުންޏެވެ.

( ނުނިމޭ )

ނޯޓް: މި ހަފްތާއިން ފެށިގެން ހަފްތާގެ 3 ދުވަހު މި ވާހަކަ ގެނެސްދެވޭނެ ވާހަކަ ދަންނަވަމެވެ.

އެ ގޮތުން މި ވާހަކަ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.


(ނިމުނީ)