މާތް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ދުޅަހެޔޮ ޞިއްޙަތާއި ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައި ވަނީ "ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢުގެ މައްޗަށެވެ.ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ދުޅަހެޔޮ ޞިއްޙަތަކީ އެއްވެސް އިޚުތިޔާރަކާ ނުލައި އިންސާނާގެ ހަށިގަނޑުގައި ހުއްޓުމެއް ނެތި ހިނގަމުންދާ އެތައް މަސައްކަތްތަކަކާ ގުޅިފައިވާ އަގުހުރި ނިޢުމަތެކެވެ. އެ ކަމުގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަން ފާހަގަކޮށް، ޚުޠުބާގައި ބުނީ އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށެވެ. އެހެންކަމުން، ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ޚުޠުބާގައި ބުންޏެވެ.
މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ ކަމެއް ނޫންކަން ހަނދާންކޮށްދެމުން، ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ޞިއްޙަތު ރައްކާތެރިކުރުމަކީ އިންސާނާގެ މައްޗަށް އޮތް ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަށް ލިބިގެން ނުވާކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަނީ ދަލީލު ދައްކައިފައެވެ.
ބަލިތަކާއި ހިތާމަތައް ކުރިމަތިވާ ހިނދު މުއުމިނު އަޅާގެ ހުންނަންޖެހޭ ސިފަތަކަށް އަލިއަޅުވައިލަމުން ޚުޠުބާގައި ބުނީ، އީމާންކަމަކީ ތަދު އިޙުސާސްނުވުން ނޫން ކަމަށެވެ. މުއުމިނު އަޅާގެ މިސާލަކީ ވައިރޯޅިއާ އެކު ލެނބި، އަދި ވައި މަޑުވުމުން ސީދާވާ ޅަނދޮޅު ގަހެއް ފަދަ އެއްޗެއް ކަމަށް ބަޔާންކުރައްވާފައިވާ ޙަދީޘް ޛިކުރުކުރަމުން، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުމަކީ މުއުމިނެއްގެ ޙަޤީޤީ ބާރު ކަމުގައި ބުންޏެވެ.
މީގެއިތުރުން، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުން ނޫން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އެއީ މާތް ﷲއަށް ކުއްތަންވުމަށާއި ހެޔޮ ޢަމަލުކުރުމަށް ދެއްވާފައިވާ ފުރުޞަތެއް ކަމަށާއި، ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިޔުމާއި، މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ އިތުރުން ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތްތަކަކީ މާދަމާ ގެއްލިގެން ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެއް ކަމަށް ބަޔާންކުރިއެވެ.
ޚުޠުބާގައި ވަނީ، ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިޢުމަތެއް ކަމުގައިވާ ޞިއްޙަތާއި ހުސްވަގުތާ މެދު ސަމާލުވުމަށް ނަޞޭޙަތްތެރިވެފައެވެ. އެގޮތުން، މި ދެ ނިޢުމަތުގެ ޙަޤީޤީ އަގު ވަޒަންނުކުރެވި ގެއްލުމުގެ ތެރެއަށް ދޫކޮށްނުލުމަށާއި، މާދަމާ މާތް ﷲގެ ޙަޟްރަތުގައި ހުއްޓި ހުންނައިރު، އަމާނާތެއްގެ ގޮތުގައި ދެއްވި ޞިއްޙަތާއި، ވަގުތާއި، ހަށިގަނޑުގެ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފުނުތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!