އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަންގައި ޤަޠަރުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ކުއްލި ބްރީފިންއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ އަސްކަރީ ޤާބިލުކަން އެމެރިކާއިން ނައްލާފައިވާ ކަމަށާއި އެ ޤައުމާ ދެކޮޅަށް ކުރާ ހަނގުރާމަ މިހާރު "އެފެކްޓިވްލީ އޯވަރ" ނުވަތަ ނިމިފައިވާ ކަމަށެވެ.
މި ބައްދަލުވުމަކީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާއި، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ ބައިވެރިވެވަޑައިގެން ބޭއްވެވި ސިއްރު ބައްދަލުވުމެކެވެ. މި ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޮސްޓެއްގައި ޤަޠަރުގެ ބޮޑުވަޒީރު ވަނީ ސަރަޙައްދުގެ މަސްރަޙާއި، އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރަޙައްދަށް އަމާންކަން ގެނައުމަށް އެއްބަސްވުމަކަށް އައުމަށް ކުރެވޭ ޕޮޒިޓިވް މަޝްވަރާތަކަށް ޝުކުރުއަދާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަނގުރާމަ ނިމުނު ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުގެ ކަނޑުގެ ބަނދަރުތަކަށް އަމާޒުކޮށްގެން އަޅާފައިވާ ކަނޑުގެ ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަދި އެއްގަމު މަގުންނާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ކުރާ ވިޔަފާރި ހުއްޓުވުމަށް އަލަށް ޢާންމުކުރި "ޓާސްކް ފޯސް އަޔަން ގޭޓް" ގެ ދަށުން ޙާލަތު އޮތްގޮތަށް ދަމަހައްޓާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ. "ޤަޠަރާއި، ސަޢުދީ ޢަރަބިއްޔާއާއި، ޔޫއޭއީއާއި، ބަޙްރެއިނާއި، ކުވެއިތާއި އަދި އެހެން ޤައުމުތަކުން ވެސް ބޭނުންވަނީ ޙާލަތު އޮތްގޮތަށް، މިހާރު އޮތް ފަދައިން ކަންކަން ބަހައްޓަން،" ޓްރަމްޕް ވިދާޅުވި އެވެ.
އަނެއްކޮޅުން، ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކެޓްރީ މުޙުސިން ރަޒާއީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން އެމެރިކާ ސަރުކާރު މިހާރު ބަލިވެފައިވާ ކަމަށެވެ. "އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިން އެމެރިކާ ސަރުކާރު ވަނީ މިހާރު ރޫޅިފައި. ނަމަވެސް ވޮޝިންޓަން އުޅެނީ އުއްމީދު ކަނޑާލާފައިވާ ޖުވާ ކުޅޭ މީހެއްހެން ތޮޅެން،" ރަޒާއީ ވިދާޅުވި އެވެ. އަދި ޚިޔާލީ މަޝްވަރާތަކާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރުން ހުއްޓާލުމަށް އޭނާ ގޮވައިލެއްވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށުނު މި ހަނގުރާމައިގެ ސަބަބުން ވަށައިގެންވާ ޤައުމުތަކަށް ހަނގުރާމައިގެ އަސަރުކޮށް، ބައިނަލްއަޤްވާމީ ވިޔަފާރިއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެމެރިކާއާއި އިސްރާއީލުން ހަމަލާތައް ފެށުމާއެކު، ތެލާއި، ގޭހާއި، އަދި އެހެންވެސް މުހިންމު މުދާ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފަ އެވެ. މީގެ އިތުރުން، އީރާނުން ވަނީ ޤަޠަރާއި، ބަޙްރެއިނާއި، ކުވެއިތާއި އަދި ޔޫއޭއީ ހިމެނޭ ގޮތަށް ގަލްފުގެ އަވަށްޓެރި ޤައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ވަނީ ހަތަރު ޝަރުޠެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ކަނޑުގެ ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމާއި، އިޤްތިޞާދާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓައިލުމާއި، އަދި ލުބުނާނާއި ޣައްޒާ ހިމެނޭހެން ހުރިހާ ދިމާލަކުން ހަނގުރާމައިގެ ޢަމަލުތައް ހުއްޓައިލުން ހިމެނެ އެވެ.
މި މައްސަލާގައި ޤަޠަރަކީ މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ މުހިންމު ޤައުމެކެވެ. ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ވަނީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރައްވަމުން ގެންދަވާފަ އެވެ. ސިއްރު ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުގެ ފަރާތުން ހުށަހެޅި ދެދުވަހެއްގެ ފްރޭމްވޯކެއް ޓްރަމްޕަށް ހުށަހަޅުއްވާފަ އެވެ.
ޓްރަމްޕްގެ ބްރީފިންގައި ނޫސްވެރިއަކު "އެންމެ ފަހުން ހަނގުރާމަ ނިމުނުކަމަށް ރަސްމީކޮށް އިޢުލާނުކޮށްފައި ނިންމައިލެއްވީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ވިދާޅުވީ، ދިގު މުއްދަތުގެ ޙައްލެއް ބޭނުންވާ ކަމަށާއި، ސަރަޙައްދުގެ ބައިވެރިންނަށް ގެއްލުމެއް ނުވާނެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. "އަޅުގަނޑުމެންގެ ވަރަށް ރަނގަޅު އެކުވެރިންތަކެއް އެ ސަރަޙައްދުގައި އެބަތިބި، އެމީހުންނަށް ގެއްލުމެއް ނުވާނެކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!