އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ 2026 ވަނަ އަހަރުގެ ރަން ބޫޓު އިންޓަ މިއާމީގެ ތަރި ލިއޮނެލް މެސީ ކާމިޔާބުކޮށްފިއެވެ. މިއާއެކު މެސީ ވެގެން ގޮސްފައިވަނީ މި ލީގުގެ ތާރީޚުގައި ޖެހިޖެހިގެން ދެ ސީޒަނުގައި މި އެވޯޑު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
އިންޓަ މިއާމީގެ ފޯވާޑް މެސީ މި އެވޯޑު ހާސިލުކުރީ މި ސީޒަނުގައި ލީގުގެ އެންމެ ކުރީގައި އޮވެ، 26 ލަނޑު ކާމިޔާބުކޮށްގެންނެވެ. މީގެއިތުރުން އޭނާ ވަނީ 17 ލަނޑު ޖެހުމަށް މަގުފަހިކޮށްދީ، ޖުމްލަ 43 ލަނޑުގައި ސީދާ ގޮތުން ހިއްސާވެ، މި ބައިން ވެސް މުޅި ލީގުގެ އެއްވަނަ ހޯދާފައެވެ.
މެސީ މި އެވޯޑު ކާމިޔާބުކުރީ އެފްސީ ޑެލަސްގެ ސްޓްރައިކަރު ޕީޓާ މޫސާ އާއި ނެޝްވިލް އެސްސީގެ ސްޓްރައިކަރު ސޭމް ސަރިޖް ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. މި ސީޒަނުގައި މޫސާ 22 ލަނޑު ޖެހިއިރު، ސަރިޖް ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ. މި އަހަރުގެ އެމްއެލްއެސް ރަން ބޫޓު މެސީ މި ހާސިލުކުރީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް އާޖެންޓީނާ ގެންގޮސްދީ އެ މުބާރާތުގެ ސިލްވާ ބޫޓު ހޯދިތާ މަދު މަސްތަކެއް ފަހުންނެވެ.
މިއީ އެމްއެލްއެސްގެ ރަން ބޫޓު މެސީ ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މިއާއެކު އޭނާ ވަނީ މި އެވޯޑު ދެ ފަހަރު ހޯދި ހަވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ބްރެޑްލީ ރައިޓް-ފިލިޕްސް، ކްރިސް ވޮންޑޮލޮވްސްކީ، ޖެފް ކަނިންހަމް، ޓޭލާ ޓްވެލްމަން އަދި ޕްރެކީ އެވެ. މި އަހަރު ގައުމީ ޓީމުން ރިޓަޔާވި މެސީ 2025 ވަނަ އަހަރު މި އެވޯޑު ހޯދީ 29 ލަނޑު ޖަހައި 19 އެސިސްޓް ހަދައިގެންނެވެ.
ރަން ބޫޓުގެ އިތުރުން ވެސް މެސީ އަށް އެމްއެލްއެސްގައި އިތުރު އެވޯޑެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއީ ލެންޑަން ޑޮނޮވަން އެމްއެލްއެސް އެމްވީޕީ އެވޯޑު ތިން ފަހަރަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ. މި އެވޯޑަށް ވޯޓުލުން ހޯމަ ދުވަހުގެ ރޭ އީއެސްޓީ ގަޑިން 8:00 ގައި ބަންދުވާނެއެވެ. އަދި އެވޯޑުގެ ފައިނަލިސްޓުން އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އެމްއެލްއެސް ކަޕް ޕްލޭއޮފްގެ ފުރަތަމަ ބުރުގެ ކުޅުމަށް ނުކުންނައިރު، ލީގުގެ ދެވަނަ ސީޑު ހޯދާފައިވާ މެސީގެ އިންޓަ މިއާމީ ވާދަކުރަން ހަމަޖެހިފައިވަނީ ހަތްވަނަ ސީޑުގައި އޮތް ކޮލަމްބަސް ކްރޫއާ ދެކޮޅަށެވެ. މި ބުރުގެ ކުރިމަތިލުން ކުރިއަށްދާނީ ގިނަވެގެން ތިން މެޗު ކުޅެ، އޭގެ ތެރެއިން ދެ މެޗު ކާމިޔާބުކުރާ ޓީމެއް ދެވަނަ ބުރަށް ދަތުރުކުރާ އުސޫލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!