ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އިންޑިއާގެ 24 މަސްވެރިއަކު މިމަހުގެ 8 ވަނަ ދުވަހު މިނިވަންވެ, ރައްކާތިކަމާއެކު އަނބުރާ ގައުމަށް ގޮސްފި އެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ތޫތުކުޑީ ޑިސްޓްރިކްޓުގެ ތަރުވައިކުލަމް މަސްވެރިކަމުގެ ރަށަށް ނިސްބަތްވާ މި މަސްވެރިން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން އަތުލައިގަނެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މި މީހުން އަނބުރާ ގައުމަށް ގެނައުމަށްޓަކައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެމްއެންޑީއެފުން އެދުވަހު ބުނެފައިވާ ގޮތުގައި، މި ތިން މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުންނެވެ. މި އުޅަނދުތައް ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށެވެ.
ތޫތުކުޑީ ޑިސްޓްރިކްޓް އިންފޮމޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އޮފީހުން ބުނެފައިވާ ގޮތުގައި، ޓެމލްނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭގެ އިރުޝާދުގެ ދަށުންނާއި، އެ މަސްވެރިކަމާއި މަސްވެރިންގެ ކަންތައްތަކާ ބެހޭ ވަޒީރުގެ މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ޚާރިޖީ (ޔޫނިއަން މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް) މެދުވެރިކޮށްނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން މެދުވެރިކޮށެވެ.
ޓެމލްނާޑޫ ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ހައްޔަރުކުރި މަސްވެރިން މިނިވަންކޮށް، ނޮވެމްބަރު 8 ވަނަ ދުވަހު އެ މީހުން ރައްކާތެރިކަމާއެކު ގައުމަށް ގެންގޮސްފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި މި މަސްވެރިން އެނބުރި ގައުމަށް ގެންދިއުމުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ޓެމިލްނާޑޫ ސަރުކާރުންކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ތަރުވައިކުލަމްގެ މި މަސްވެރިން ތިރުވަނަންތަޕޫރަމް އެއާޕޯޓަށް އައުމުން، ތޫތުކުޑީގެ ފިޝަރީޒް ޑިޕާރަޓްމަންޓުގެ އޮފިޝަލުން ވަނީ އެ އެއާޕޯޓަށް ގޮސް އެ މީހުންނާ ބައްދަލުކޮށް، ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެއަށްފަހު، އެ މީހުން ވަނީ ރައްކާތެރިކަމާއެކު އެ މީހުންގެ ރަށްތަކަށް ފޮނުވާލާފަ އެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ އެއްވެސް އިދާރާއަކުން ވަކިއެއްޗެއް ހާމަކޮށްފައެއްނުވެއެވެ. އަދި މިމީހުން ޖޫރިމަނާކުރިކަމެއް ނުވަތަ އެމީހުން ދަތުރުކުރި އުޅަނދުފަހަރު ރާއްޖޭގައި އަދިވެސް ހިފަހައްޓާފައިހުރިކަމެއް ސާފެއްނޫނެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!