ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

VP Faisal-KFC

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ ކުޅުދުއްފުށި ސީޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އިއްޔެ މެންދުރުފަހު ކުޅުދުއްފުށި ސިޓީކައުންސިލުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ކުޅުދުއްފުށިސިޓީއަށް ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިޔަށްގެންދިއުމާ ގުޅޭގޮތުންނާއި ސިޓީގެ ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފަރާތުން ވަނީ އެ ސްކޫލްތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް ޢުމްރާނީ މަސްރޫޢުތައް ފެށުން ލަސްވެގެންދިއުމާއި ކުރިޔަށްދާ ބައެއް މަޝްރޫއުތަކާ ގުޅިގެން ސްކޫލްތަކުން ހުރި ކަންބޮޑުވުންތައް ވެސް މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައިވެއެވެ.

މީގެ އިތުރުން ބައެއް ސްކޫލްތަކުން ވަނީ މުހިންމު މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމުގައި ދިމާވާ ދަތިތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ކަންކަމުގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މިހާރު ކުރިޔަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާކަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީފެންވަރަށް މަތިކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދަވާ ކަމަށާ ޚާއްޞަކޮށް ފާއިތުވި 3 އަހަރަކީ އެ ހޮސްޕިޓަލަށް އެންމެގިނަ ކުރިއެރުންތައް ލިބިގެންދިޔަ މުއްދަތުކަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ޞިއްޙީ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދެއްވާކަމަށާއި ވަކިން ޚާއްޞަކޮށް ރީޖަނަލް ހޮސްޕިޓަލުތަކުގެ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުން ގެންދާކަމުގައެވެ.

ސިޓީކައުންސިލުން ފާހަގަކުރެއްވި ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށާއި އަދި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެެއްވި ކަންކަންމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި