ހދ. ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އެ ސިޓީގެ ޑެޕިއުޓީ މޭޔާ އަލީ އަހަމްދު ވިދާޅުވީ މި ކޯސް ކުރިއަށް ގެންދިޔައީ މި މޭ މަހުގެ 23 ން 30 އަށް ކަމަށެވެ. އަދި މިއީ އެ ކައުންސިލާއި ބާސްކެޓްބޯލް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ މި މޭމަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ "ބޯލް އިން ސްކޫލް" އަދި "ޖޫނިއަރ ކޯޗިންގ" ކޯހުގެ ބައިވެރިންގެ ތެރެއިން ކަމަށެވެ. އެގޮތުން ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހަށް ފުރުސަތު ދިނީ އެ ދެ ޕްރޮރާމުން އެންމެފާހަގަކޮށްލެވުނު ފަރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހުގައި 8 ފަރާތެއް ބައިވެރިކޮށްފައިވާ ކަމަށާއި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި "ގުއަންޓަމް" ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ވެސް ޑިޕިއުޓީ މޭޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މޭ މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ "ބޯލް އިން ސްކޫލް" ޕްރގްރާމުގައި ކިޔަވައިދެއްވީ ފީބާ ސެޓިފައިޑް ފަރާތެއް ކަމަށާއި ޖޫނިއަރ ކޯޗިންގ ކޯހުގައި ކިޔަވައިދެއްވީ އެމްބީއޭ ގެ ސެޓިފައިޑް ބޭފުޅުން ކަމަށެވެ.