ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމަށް ށ. އަތޮޅުގައި ފެށި ދަތުރުތައް ކުރިއަށް ދާއިރު ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފެށީ ނިމުނު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ވިދާޅުވީ، އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ދާކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު ދުވަހު 646 ފަސިންޖަރުން ށ. އަތޮޅުގެ ހަތް ރޫޓަކުން ދަތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނައެވެ.
ށ. އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފެށުމަށް ހަތަރު ލޯންޗެއް ވަނީ މިދިޔަ އޯގަސްޓް 28 ވަނަ ދުވަހު އެ އަތޮޅަށް ފޮނުވާފައެވެ. އަދި ށ. އަތޮޅު ވެގެންދާނީ ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީއެލްގެ ފެރީގެ ހިދުމަތް ފަށާ ތިން ވަނަ އަތޮޅަށެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލްއާ އެއްގޮތަށް ދަނީ ކުރިއަށް. އެގޮތުން، ވޭތުވެދިޔަ ހަތަރު ދުވަހު 646 ފަސިންޖަރުން ށ. އަތޮޅުގެ ހަތް ރޫޓަކުން ވަނީ ދަތުރުކޮށްފައި. pic.twitter.com/gF5s0xPFdO
— Min.of National Planning, Housing & Infrastructure (@MoNPHImv) September 3, 2022
މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ ހއ. އާއި ހދ. އަތޮޅުގަ އެވެ.
އާރްޓީއެލްގެ ޕެސެންޖާ ފެރީ ގުޅާލެވިގެންދަނީ ތަފާތު ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކް، ނޮން ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ. ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަ ލިންކެވެ. ނޮން ކޮމިޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ލިންކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް އާއި އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.
އާރުޓީއެލް ހައި ސްޕީޑު ފެރީ ނެޓްވޯކަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދައިގެ ގޮތުގައި ސަރުކާރުން ސިފަ ކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!