ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ ދެ ދިރާސާއެއް އިއްޔެ ލޯންޗު ކޮށްފިއެވެ.
ޔޫ.އެސް އެއިޑްގެ އެހީތެރިކަމާއެކު ޓްރާންސްޕޭރެންސީން ކުރިއަށް ގެންދިޔަ މި ދެ ދިރާސާއަކީ "ގާނޫނާ ޚިލާފްވާ މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައަށް އައުމަށް ހުރި ފުރުސަތާއި ގުޅޭ ހާލަތު ދެނެގަތުމުގެ ސަރވޭ 2022 ރިޕޯޓް" އަދި "ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނައަޅައި ދިއުން ހިނގާ ގޮތް ދެނެގަތުމުގެ ދިރާސާ ރިޕޯޓް" އެވެ.
ދިރާސާގެ ރިޕޯޓު ލޯންޗް ކޮށްދެއްވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް މި ގެންދިޔަ ދިރާސާއަކީ ވަރަށް މުހިންމު 2 ދިރާސާ ކަމަށެވެ. އަދި މި ދިރާސާގެ އަލީގައި ދިވެހި މުޖުތަމައުގައި ހިމެނޭ އިޖުތިމާއި މައްސަލަތަކާއި ކުށަށް އަރައިގަންނަ ޒުވާނުންނާ ގުޅޭ ތަފްސީލީ މައުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
މި ދިރާސާތަކުގެ އަލީގައި ރައްކާތެރި އަމާން މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ފިޔަވަޅު އަޅަންވީ ދާއިރާތައް ދެނެގަނެވިފައިވާކަމަށާއި، އެގޮތުން ގައިދީން، ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުން މަދު ކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަކީ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
މި ދެ ދިރާސާގެ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި މީގެ ދެ އަހަރު ކުރިން މި މަސައްކަތް ފެއްޓެވިއރު އެކަމުގެ ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަން ކުރިއަށް ގެންދެވީ މި ފަދަ މަސައްކަތެއް ރާއްޖޭގައި ކުރުމަށްޓަކައި ކުރިމަތިވާނެ ދަތިތަކާއި އުނދަގޫތައް ވަރަށް ބޮޑަށް އިހުސާސް ކުރައްވާ ހާލުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!