މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލައިފި އެވެ.
އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީއިން މި ހުޅުވައިލީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، 14 ޑިސެމްބަރު 2022 ގެ ނިޔަލަށް ހަމަވާތީ އެވެ.
ހޯމް މިނިސްޓްރީން އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
މީޑިއާ ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ މެންބަރުކަމަށް ހުށައަޅާނީ މީޑިއާތަކުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ހުންނަންޖެހޭ ޝަރުތުތައް:
- (ހ) ދިވެހިރައްޔިތަކު ކަމުގައިވުން.
- (ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
- (ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- (ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- (ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- (ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- (ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- (އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.
- (ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
މީޑިއާކައުންސިލްގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މީޑިއާތަކުން، 31 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު "ޖަދުވަލު 1: މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ހުށަހެމަށް އެ މިނިސްޓްރީއިން ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ. މިފޯމް ހޯމް ނިސްޓްރީގެ ވެބްސައިޓު https://www.gov.mv/MoHA ޑައުންލޯޑް ކުރެވޭނެއެވެ.
މިއާއެކު މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި، ފުރުސަތު ހުޅުވާލައި ކުރިން ކޮށްފައިވާ އިއުލާންވަނީ ބާތިލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!