ށ. ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެޑިޔުކޭޝަނުން މިނިސްޓްރީން ވިދާޅުވާގޮތުގައި މި މަޝްރޫޢުއަށް 17,367,860.66 ރުފިޔާ ޚަރަދު ވާނެއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
ށ. ބިލެތްފަހީ ސްކޫލަކީ 143 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ސްކޫލްތަކުގެ ޢުމުރާނީ ގިނަ މަޝްރޫޢުތަކެއްގައި ސޮއި ކުރަމުންނެވެ. މިގޮތުން މި ސަރުކާރުގެ ހަތަރު އަހަރު ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ވީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ވައުދާއެކު މުޅިއަކު 216 މަޝްރޫއެއް ބަޖެޓްކުރެވި، އޭގެ ތެރެއިން 44 މަޝްރޫއު މިހާރު ނިމި އެ އިމާރާތްތައް ބޭނުންކުރަން ފެށިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި 89 މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި، 11 މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެވޯޑު ކުރެވިފައި ނުވަތަ ކޮންޓްރެކްޓް ކުރެވިފަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 1288 ކްލާސްރޫމާއި، 81 މަލްޓިޕާޕަސް ހޯލާއި އަދި 338 އެހެންނިހެން މަޝްރޫއުތަކެވެ. އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ސްޓާފްރޫމާއި، ލައިބްރަރީ އަދި އޮފީސް އިމާރާތް ފަދަ ތަންތަން ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!