ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ށ އަތޮޅުގައި މިމަހު ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ށ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ތިލަދުންއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ށ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ މިދިޔަ މަހުގެ 31 ގައި އާރުޓީއެލް ފެރީގެ ޚިދުމަތް ށ އަތޮޅުގައި ފެށޭނެ ކަމަށް ށ އަތޮޅު ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ވެސް ރަސްމީކޮށް އަންގަވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކަނޑައެޅިފައިވާ މުއްދަތު ފަހަނަ އަޅާ ދިޔައިރު ވެސް ޚިދުމަތް ފެށިފައި ނުވާތީ ރައްޔިތުންގެ ނުތަނަވަސްކަން ހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް ށ އަތޮޅުގައި ފެށުމާގުޅޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއެކު މިއަދުވެސް މުވާމަލާތު ކުރެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ޚިދުމަތް ފެށޭނެ ސީދާ ތާރީޚެެއް ދަންނަވާފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މި މަސް ތެރޭގައި ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީއީއޯ ވިދާޅުވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޒޯން އެކެއްގައި ހިމެނޭ ށ އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން އާރުޓީއެލްގެ ހައި ސްޕީޑު ފެރީ ދަތުރުތައް ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ކަމާބެހޭ ފަރާތްތަކުން ކުރިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!