އިސްލާމްދީނަށް ފުރައްސާރަކޮށްގެން މީހެއްގެ މައްޗަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ކޯޓަކުން އަދަބު ކަނޑައެޅީ އެވެ. އޭނާގެ މައްޗަށް ސާބިތުވި ދެ ކުށަށް އިއްވީ އެންމެ ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ބަންދުގައި ހަ މަސް ހޭދަކޮށްފައިވާތީ އޭނާ މިއަދު މިނިވަންވާނެ އެވެ.
ގދ. ތިނަދޫއަށް ނިސްބަތްވާ މުހައްމަދު ރުސްތުމް މުޖްތަބާ ފާޅުގައި މާތްﷲ އާއި ކީރިތި ރަސޫލަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އިއްވި އެ ހުކުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އެފަދަ ބޮޑު ކުށަކަށް އެންމެ ހަތަރު މަހުގެ ޖަލު ހުކުމެއް އައުމުންނެވެ.
ރާއްޖޭގެ ގާނޫނުލް އުގޫބާުތުގައި މި ކުށަށް އޮންނަ އަދަބަކީ ވައްކަމުގެ ކުށަށް އޮންނަ އަދަބަށް ވުރެ ކުޑަ އަދަބެކެވެ. އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަދަބަކީ ގާނޫނުލް އުގޫބާތު ބުނާގޮތުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ކުށަށް އިއުތިރާފްވެއްޖެނަމަ، ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވެ އެވެ.
ހައިރާން ވާންޖެހޭ ކަމަކީ ގާނޫނުލް އުގޫބާތުގައި ވައްކަމުގެ އަދަބު މިއަށް ވުރެ ބޮޑުވުމުންނެވެ. އެ ގާނޫނު ބުުނާގޮތުން 5،000 ރުފިޔާއަށް ވުރެ މަތީ އަދަދެއްގެ މުދާ ވަގަށް ނަގައިފިނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ކުށަށް އިއުތިރާފްވިޔަސް، ހަތް މަހުގެ ޖަލު ހުކުމަކަށް ވުރެ ކުޑައެއް ނުވާނެ އެވެ.
ވަކި ހާލަތެއްގައި އަދަބުގެ ދަރަޖަ މަތިކުރުމުގެ ފުރުސަތު ގާނޫނުލް އުގޫބާތުގެ ދަށުން އޮވެ އެވެ. އެކަމަކު ރުސްތުމްގެ އަދަބު ބޮޑުކުރަން ދައުލަތަކުން ކޯޓުގައި މިއަދު ނޭދެ އެވެ. އެހެންވެ، ގާޒީ ވެސް ނިންމެވީ ގާނޫނުގައި އޮތް އަސާސީ އަދަބު ދިނުމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާންޖެހެ އެވެ. ގާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމީ ޝަރީއަތް ކަމަށް ގާނޫނު އަސާސީގައި ސާފު ބަހުން ލިިޔެފައި އޮވެ އެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފް އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އެކަމަކު ވައްކަންކުރާ މީހާއަށް ވުރެ އިސްލާމްދީނަށް ފުރައްސާރަކުރާ މީހާގެ އަދަބު ކުޑަވުމުން އެ ދެވެނީ ވަރަށް ނުބައި މެސެޖެކެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!