އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ.
ޖިންސީ ކުށްތަކަށް ޚާއްސަކޮށް ހަދާފައިވާ ޖިންސީ ކުށުގެ ޤާނޫނު ބުނާގޮތުން އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ފިރިހެނުންނާއި ފިިރިހެނުން ގުޅުން ހިންގުން (ލިވާތުކުރުން) އަދި އަންހެނުންނާއި އަންހެނުން ގުޅުން ހިންގުން (ސިހާޤު ކުރުން) ވެސް ގާނޫނުގައި ތަފާތެއް ނުވެ އެވެ. އަދި އެ ގާނޫނު 3 ވަނަ މާއްދާ ބުނާގޮތުން ގާނޫނީ އަދަބު ދިނުމުގެ އިތުރުން އިސްލާމީ ޝަރީއަތުގެ ދަށުން ވެސް އެ މީހަކަށް އަދަބު ދެވިދާނެ އެވެ.
އިސްލާމީ ޝަރީއަތުގެ ދަށުން ބަލާއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ނުވަތަ ރަޖަމު ކުރުމެވެ. އެހެނީ، ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެ އެވެ.
"ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ އަމަލެއް ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެ ނަމަ، މަތީގައި އޮތް މީހާ އާއި ދަށުގައި އޮތް މީހާ ގަތުލުކުރާ ހުށިކަމެވެ."
މި ހަދީސް ބަސްފުޅުގައި، ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ނިސްބަތް ކުރައްވާފައި އެވަނީ އެ ގައުމުގެ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން މާތްﷲ ގެ ކޯފާއާ ކުރިމަތިވި ބަޔަކަށް ވާތީ އެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ކަން ހަދީސް ބަސްފުޅުން ސާބިތުވެ އެވެ.
މިފަދަ ކަންކަމުގައި ރާއްޖޭގެ ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ދަށުން ކޯޓުތަކުން ބަލަން ޖެހެނީ އިސްލާމީ ޝަރީއަތުގައި އެކަމަށް އޮންނަ ގޮތަކަށެވެ. އެއީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާއި ސުންނަތް ޖަމާއަތުގެ އިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތަށެވެ.
ސުންނަތް ޖަމާއަތުގެ މަޒްހަބްތަކުގެ ތެރެއިން މާލީކީ މަޒްހަބްގައި ބަލަނީ ކައިވެންޏެއްގެ މަތީގައި ހުއްޓަސް އަދި ނެތަސް، އެއް ޖިންސުން ގުޅުން ހިންގައިފި ނަމަ އެ މީހެއްގެ އަދަބަކީ މެރުން ނުވަތަ ރަޖަމު ކުރުން ކަމަށެވެ.
ސުންނަތް ޖަމާއަތުގެ އެހެން މަޒްހަބެއް ކަމަށް ޝާފިއީ މަޒްހަބްގައި ބަލަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް އޮތީ ޒިނޭ ކުރާ މީހުންނަށް އޮތް އަދަބު ކަމަށެވެ. އެއީ ކައިވެންޏެއްގެ މަތީގައި ހުރި މީހެއް ނަމަ، ރަޖަމު ކުރުން އަދި ކައިވެންޏެއްގެ މަތީގައި ނެތް ނަމަ 100 އެތިފަހަރުން ހައްދު ޖެހުމެވެ.
ގާނޫނުގައި މިގޮތަށް އޮތަސް، ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގައިގެން މިހާތަނަށް މަރުގެ އަދަބެއް ނުވަތަ ރަޖަމުގެ އަދަބެއް ދީފައެއް ނުވެ އެވެ. މިހާތަނަށް ދެނީ ޖަލު ހުކުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!