الله سبحانه وتعالى ގެ ކޯފާޔަށްވުރެ ގަދަފަދަ އެއްވެސް އެއްޗެއްނުވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނިކޮށް މިއަދު ވަނީ އެމްޑީޕީގެ ގައުމީމަޖިލިސްގެ ވަޓްސްއެޕް ގްރޫޕް ވަރަށް ހޫނުވެފައެވެ.
އެ ގްރޫޕްގެ ޗެޓްލޮގްތަކެއް މިއަދު ލީކުވެފައިވާއިރު އެ ގްރޫޕްގައި ރައީސް ނަޝީދުވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވެސް ބޮޑު ތުހުމަތެއް ކުރަށްވާފައެވެ. އެކަން ރައީސް އޮފީހުން ވަނީ މިރޭ ދޮގުކޮށްފައެވެ.
މީގެ އިތުރުން ކިނބިދޫދާއިރާގެ މެންބަރު، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ ފޭކު އައިޑީއަކުން ކޮށްފައިވާ ޓްވީޓެއް ރައީސް ނަޝީދު ވަނީ އެ ގްރޫޕަށް ލައްވާފައެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ އަރިހު އަަހަންބޭނުން ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރުކުރީ ކީއްވެތޯ؟ އަދި ރައީސުލްޖުމްހޫރިއްޔާ ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތައް ޕޮލިސްގައި ފޮރުވީތޯ؟" ނަޝީދު ލިޔުއްވާފައިވެއެވެ.
އެއާއެކު ލިޔުއްވި އިތުރު މެސެޖުތަކާއި ގުޅިގެން އެފަދަ ކަންތައް ނުކުރެއްވުމަށް ރައީސް ނަޝީދުގެ އަރިހު އެމްޑީޕީގެ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (ފަޔާ) ވަނީ އެދިވަޑައިގެން އެކަމާއިގުޅިގެން ވާހަކަ ދައްކަވާފައެވެ. އޭގެފަހުން ވަނީ ރައީސް ނަޝީދާއި، ފަޔާއާއި ދެމެދު ވެސް ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.
އެމްޑީޕީގެ ގައުމީމަޖިލިސް ވަޓްސްއަޕް ގްރޫޕް ހޫނުވެފައި ވަނިކޮށް އިވަންދޫ ދާއިރާގެ މެންބަރު ޝިފާޢުވަނީ އޭނާގެ ނަސޭހަތެއް ގްރޫޕްގައި ލިޔުއްވާފައެވެ. ޝިފާޢު ވިދާޅުވީ ﷲގެ ކޯފާޔަށްވުރެ ގަދަފަދަ އެއްވެސް އެއްޗެއްނުވާ ކަމަށެވެ.
"އަހަރެމެން އެންމެން ދާއިމީ ދުނިޔެއެއްގައި ޤިޔާމަތް ކުރެވޭނެ، އެމީހަކު ކުޅަ ޢަމަލުތަކެއްގެ މައްޗަށް އެދުވަހު ޝަރީޢަތް ކުރެވޭނެ، ހެކިބަސް ދޭނީ އެ ޢަމަލެއްކުޅަ ގުނަވަނަކުން" ޝިފާޢު ވިދާޅުވެފައެވެ.
އެމްޑީޕީގެ ގައުމީމަޖިލިސް ވަޓްސްއެޕް ގްރޫޕްގެ ޗެޓްލޮގް ތަކެއްގެ އިތުރުން އެ ޕާޓީގެ އެޑްވައިޒަރީ ކޮމެޓީގެ ޗެޓް ލޮގްތަކެއް ވެސް މިހާރު ވަނީ ލީކުވެފައެވެ.
ލިވާތުކުރުމުގެ ތުހުމަތުގައި ކޮށްކޯފުޅު ނާޒިމް ހައްޔަރު ކުރެއްވުމުން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮއްކޯފުޅު ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށް ވިދާޅުވެފައެވެ. އަދި ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރައާތުތަކާ ހިލާފަށް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!