މުންކަރާތްތަކާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރާ ފުލުހުން ފަސްޖެހިގެން ނުވާނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިފަދައިން ވިދާޅުވެފައިމިވަނީ، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއް އާންމުވެ، އެކަމުގައި ބަޔަކު ހައްޔަރުކޮށްފައި ނުވާތީ ގިނަބަޔަކު ސަރުކާރާއި ފުލުހުންނަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޝިފާޢު މިއަދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ދިވެހިންްގެ ދީނަކީ އިސްލާމްދީންކަމުގައި ޤާނޫނުއަސާސީ ސާފުކޮށް ބުނާ ކަމަށެވެ.
"އިސްލާމްދީނުގަ ހުއްދަކަމަކީ ދިވެހި ފަސްގަޑުގައި ހުއްދަކަމެއް ކަމަށާއި، އަދި އިސްލާމްދީނުގައި ހަރާމްކަމަކީ ދިވެހިފަސްގަޑުގައި ހަރާމްކަމެއް"
ޝިފާއު ވިދާޅުވިއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ހައްޔަރުކޮށް މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އޭނާއާ އެކީ ގުޅުން ހިންގި ދިވެހި ފިރިހެނުންގެ އަދަދު މިހާރު 250 އަށް އަރާ ކަމަށް މިފަހުން އަޑުފެތުރިފައިވެއެވެ.
އޭނައާ އެކު ގުޅުން ހިންގި ބައެއް މީހުންގެ ވީޑިއޯތައް އާންމުވެ، މުޅި ރާއްޖޭހެ ސަމާލުކަމަށް މިދިޔަ މަހުގެ ތެރޭގައި މި މައްސަލަ އައި އިރު، ކުރިން އަޑު އަރާފައި އޮތް ގޮތުން އަލަމްގީރް، 25، އާ އެކު 42 މީހަކު ގުޅުން ހިންގާފައިވެ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާއާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. އަދި ގުޅުން ހިންގި މީހުންނާ އެކު ރެކޯޑްކޮށްފައިވާ ހުރިހާ ވީޑިއޯތަކެއް ފުލުހުން މިހާރު އަތުލާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
ޤާނުއަސާސީ ސާފުކޮށް ބުނަނީ ދިވެހިންްގެ ދީނަކީ އިސްލާމްދީންކަމުގަ. އިސްލާމްދީނުގަ ހުއްދަކަމަކީ ދިވެހި ފަސްގަޑުގައި ހުއްދަކަމެއް. އިސްލާމްދީނުގައި ހަރާމްކަމަކީ ދިވެހިފަސްގަޑުގައި ހަރާމްކަމެއް. މުންކަރާތްތަކާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރާ @PoliceMv ފަސްޖެހިގެން ނުވާނެ.
— Mohamed Shifau (@mhshifau) July 24, 2022
އަލަމްގީރާ އެކީ ގިނަ އަދަދެއްގެ ބަޔަކު ގުޅުން ހިންގާފައިވާތީ މިކަމާ ހެދި ބައްޔެއް ފެތުރިފައި އޮވެދާނެ ކަމަށް ވެސް ބެލެވެން ފަށައި، އެކަމުގެ ބިރުވެރިކަން ވެސް މުޖުތަމައުގެ ތެރޭގައި ވަނީ ބޮޑުވެފަ އެވެ.
ފުލުހުން އަލަމްގީރް މި މަހުގެ 12 ގައި ހައްޔަރުކުރީ އޭނަ ގުޅުން ހިންގި މީހުންގެ ވީޑިއޯ ރެކޯޑްކޮށް، ފައިސާ ހޯދަން ބްލެކްމެއިލްކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާގެ އިތުރުން މިކަމުގައި ސާމިލުވާ އެހެން ފަރާތެއް ހައްޔަރެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!