ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދެވޭނީ ރަނގަޅު ލީޑަރޝިޕެއް އޮވެގެން ކަމުގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ" ގެ ތީމަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ބަނޑޮސް މޯލްޑިވްސްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ކޮންފަރެންސްގައި، ކޮންފަރެންސްގެ ބައިވެރިންނަށް ލިބިލެއްވި މަޢުލޫމާތުގެ ސަބަބުން ޞިއްޙީ ދާއިރާގެ ޚިދުމަތް ދެއްވުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމުގައި ރަނގަޅު ލީޑަރޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެ ން ނިންމުމާ ހިސާބަށް ދިޔުމުގެ ފައިދާތައް ހާމަކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެކަމަނާ ވަނީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ވެސް ގޮވާލައްވާފައެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޑޮކްޓަރ ފާޠިމަތު ޝިފާޒާ ރާއްޖޭގެ ނަރސިންގް ކޮމިއުނިޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަ ކުރައްވައި އެކަމަނާގެ މަސައްކަތްތައް ނަމޫނާއަކަށް ދެކި އެކަމުން ފިލާވަޅު ލިބިގަތުމަށް އެދިވަޑައިގަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެބޭފުޅުންނާ ލިޔުން ޙަވާލު ކޮށްދެއްވާފައެވެ.
މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގެ ބޭނުން ތަކަށް ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!