ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާއިއެކު ޕާޓީ މިއަދު ތަޖުރިބާ ކުރަންޖެހެނީ މުޅިން އާ ކަންތައްތަކެއް ކަމަށާއި އިދިކޮޅުގައި ހިތްވަރާއެކު ދެއްވި ޚިދުމަތް އެމްޑީޕީ ވެރިކަމުގައި އޮތްދުވަހު މާބޮޑަށްވެސް ދޭން ބޭނުންވާކަމަށް އެމްޑީޕީގެ ނައިބްރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރަކުންވެސް ކުރެއްވި ޝިފާޒު ވިދާޅުވީ ޕާޓީގެ ފާއިތުވެދިޔަ 14 އަހަރުގެ ދިގު ތާރީޚުގައި އެންމެ ހިއްދަތި އަހަރުތަކަކީ ނިމިދިޔަ 5 އަހަރުކަމަށެވެ. އަނިޔާވެރިކަމާއި، ޚުދުމުހުތާރު ވެރިއެއްގެ ވެރިކަމުގައި އެތަކެއް ރައްޔިތުންނާއި އެމްޑީޕީގެ ރައީސް ޖަލުގައި އޮންނަންޖެހުމަކީ ޕާޓީއަށް ދިމާވި އެންމެބޮޑު ގޮންޖެހުންކަމަށްވެސް ޝިފާޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި އުދަގޫ ދުވަސްތަކުގައިވެސް ސާބިތުކަމާއިއެކު ނުކުމެ ކުރި މަސައްކަތުން ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބު ކޮށްފައިވާކަމަށް ޝިފާޒް ވިދާޅުވިއެވެ.

Ad
rt

ޝިފާޒު އިތުރަށް ވިދާޅުވީ ނާކާމިޔާބު ވެދާނެކަމަށް ބަލައިގެން އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި ކަމެއް ކުރަން ނިކުންނަނީ ކަމެއް ކޮށްދެވުނީމަ ކަމަށެވެ. އަދި ކަމެއް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި އެކަން އެމްޑީޕީގެ މެމްބަރުން ބަލައިގަންނަ ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި އެމްޑީޕީން ވަނީ ގިނަ އިންތިޙާބްތަކެއް ކާމިޔާބުކޮށްފައި ކަމަށެވެ.

ވޭތުވެދިޔަ 5 އަހަރުވެސް އެމްޑީޕީގެ ނައިބްރައީސް ކަންވެސް ކުރެއްވި ޝިފާޒު ވިދާޅުވީ ވޭތުވެދިޔަ 5 އަހަރުގައި ޕާޓީގެ ނައިބް ރައީސްގެ މަޤާމް ފުރުއްވި ދުވަސްވަރު ލިބުނު ތަޖުރިބާއާއި، ޕާޓީއަށް ކޮށްދެވުނު ޚިދުމަތަކީ މި މަޤާމަށް އަނެއްކާވެސް ކުރިމަތިލައްވަން ޖެހުނު ސަބަބުކަމަށެވެ. އަދި މިއިންތިޚާބު ކާމިޔާބު ކުރައްވާނީ މެމްބަރުންގެ ވިސްނުމާއި އެއްގޮތަށް ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

މިސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ޝިފާޒު ވިދާޅުވީ ޕާޓީގެ އެންމެ ބޮޑު އަމާޒަށް މި ނިމިދިޔަ 5 އަހަރުގައިވަނީ ވާސިލްވެފައި ކަމަށެވެ. އެގޮތުން ޔާމީންގެ އަނިޔާވެރި ވެރިކަން ބަދަލުކުރެވިއްޖެ ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަަވަރުކޮށްދެވިއްޖެ ކަމަށެވެ. ހުރިހާ ޗެލެންޖެއް ހުރަސްކޮށް ރިޔާސީ އިންތީޙާބު ކާމިޔާބު ކުރެވިއްޖެ ކަމަށެވެ.

އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީ ނުހަނު ފަރިތަ ކަމެއްކަމަށާއި މިފަދަ އިންތިޚާބުތަކުގެ ސަބަބުން ޕާޓީ ވަރުގަދަވެ އެކަތިގަނޑަކަށް ވުމަށް ބާރުލިބޭކަމަށް ޝިފާޒު ވިދާޅުވިއެވެ. އެމްޑީޕީގެ ގިނަ އިސް ބޭފުޅުންތަކެއް ވަނީ ޝިފާޒު އަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ނައިބްރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަޙްމީ، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އަދި ރައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އައިމިނަތު ޝައުނާ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް ގިނަ އާންމު މެމްބަރުން ދަނީ ޝިފާޒު އަށް ތާޢީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

ނޮވެމްބަރ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބު ގައި ޕާޓީގެ ނައިބް ރައީސް ކަމަށް ޝީފާޒު އާއި ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އެވެ.