މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖެ ގެނައީ އިންޑިއާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި "އެދުރުންގެ ފަންނު، ގޮންޖެހުންތަކާއި ހުށަހެޅުންތައް" ރިޕޯޓުގައި ބުނެފިއެވެ.

އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި މި ރިޕޯޓްގައި ވާގޮތުން ވޭތުވެދިޔަ ދިހަ އަހަރު ރާއްޖެ އަށް ގިނައަދަދެއްގެ ބިދޭސީ މުދައްރިސުން ސަރުކާރާއި އަމިއްލަ ސްކޫލްތަކަށް ވަނީ ގެނެސްފައެވެ.

Ad
rt

މި ރިޕޯރޓް ގައި ވާގޮތުން މިދިޔަ ދިހަ އަހަރުގެ ތެރޭގައި ހަ ހާސް ހަތަރު ސަތޭކައެއްހާ ބިދޭސީ ޓީޗަރުން ރާއްޖެ ގެނެސްފައި ވާއިރު މީގެތެރެއިން ފަސްހާސް ހަސަތޭކަ އެއްހާ ޓީޗަރުންނަކީ އިންޑިއާ ޓީޗަރުންނެވެ.

މި ރިޕޯޓްގައި ވާގޮތުން ސަރުކާރުގެ ސްކޫލްތަކަށް 5307 ބިދޭސީ މުދައްރިސުން ގެނެސްފައި ވާއިރު އަމިއްލަ ސްކޫލްތަކަށް ގެނެސްފައިވަނީ 1076 ބިދޭސީ މުދައްރިސުންނެވެ.

މި ރިޕޯޓުން ހާމަވާގޮތުގައި ބިދޭސީންނާއި ދިވެހިން ހިމެނޭހެން މުޅި ތަޢުލީމީ ދާއިރާއިން ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 1000 އަށްވުރެ ގިނަ މުދައްރިސުން ވަނީ ވަކިވެ ދާއިރާ ދޫކޮށްލާފައެވެ.

މީގެއިތުރުން ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 18 ޑެޕިއުޓީ ޕްރިންސްޕަލުންނާއި 46 ޕްރިންސްޕަލުން ވަނީ ވަޒީފާއިން ވަކިވެފައެވެ. އަދި މި މުއްދަތުގައި ސަރުކާރުގެ ސްކޫލްތަކުން 1197 މުދައްރިސުން ވަޒީފާއިން ވަނީ ވަކިވެފައިވާއިރު މީގެ ތެރެއިން 1100 މީހުންނަކީ "ޓީޗަރ" ގިންތީގައި ތިބި މީހުންނެވެ. އަދި 79 މީހުންނަކީ "ސީނިއަރ ޓީޗަރުން"ގެ ގޮތުގައި ތިބި މީހުންނެވެ.

2021 ވަނަ އަހަރު ނިމުނުއިރު ސަރުކާރު 214 ސްކޫލެއްގައި ތިބި މުދައްރިސުންގެ ތެރެއިން %79.2 މުދައްރިސުންނަކީ ދިވެހި މުދައްރިސުންކަން މި ރިޕޯރޓް ގައި ފާހަގަ ކޮށްފައިވެއެވެ. އެއީ 6،490 މުދައްރިސުންނެވެ. އަދި ބިދޭސީ މުދައްރިސުންގެ ގޮތުގައި 1،708 މުދައްރިސުން ތިއްބެވެ. އެއީ %20.8 މުދައްރިސުންނެވެ. މީގެ ތެރެއިން %81.1 މުދައްރިސުންނަކީ އަންހެނުންނެވެ.

މި ރިޕޯޓުގައި ވާގޮތުން ދިވެހި މުދައްރިސުންގެ ތެރެއިންވެސް ތަމްރީނު ލިބިފައިނުވާ މުދައްރިސުން ގިނައެވެ.