2054 ވަނަ އަހަރާ ހަމައަށް ދާއިރު ހއ. އަތޮޅުގައި ދިރިއުޅޭ އާބާދީ 7800 އަށް ދަށަށްދާނެ ކަމަށް 2019 ވަނަ އަހަރު ނެރުނު 2054 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ދިރިއުޅޭނެ މީހުންގެ އަންދާޒާ ރިޕޯޓުގައި ލަފާ ކޮށްފައި ވެއެވެ.

އެހެން ނަމަވެސް ކޯވިޑުގެ ޙާލަތާ ގުޅިގެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ކުއްލި ބަދަލާއެކު މި ލަފާކުރުންތައް ޙަޤީޤަތަކަށް ވުމާމެދު މިހާރު މިވަނީ ސުވާލު އުފެދި ފައެވެ.

Ad
rt

2014 ވަނަ އަހަރުން 2054 ވަނަ އަހަރާ ހަމަޔަށް ރާޢްޖޭގެ އާބާދީ އިތުރު ވާނެ ކަމަށް ލަފާކުރެވޭ މިންވަރު ބެލުމަށް ޔޫއެންއެފްޕީއޭއިން 2019 ވަނަ އަހަރު ތައްޔާރު ކޮށްފައިވާ "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް 2014-2054" ރިޕޯޓު ދައްކާގޮތުން 2054 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 64 އިންސައްތައަށް ވުރެ ގިނަ މީހުން މާލެ ސަރަހައްދަށް ބަދަލުވާނެއެވެ.

އެ ރިޕޯޓުގައި ވާގޮތުން އާބާދީއަށް އަންނަ މި ބަދަލާއެކު ދިވެހިންގެ ދިރިއުޅުމަށް ބަދަލުއައިސް އިޖްތިމާޢީ އަދި އިޤްތިޞާދީ ބަދަލުތަކެއްވެސް އަންނާނެކަމަށް ލަފާކުރެވެއެވެ.

އެ ރިޕޯޓުގައި ވާގޮތުން ހއ އަތޮޅުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އާބާދީ ޖުމްލަ 23،191 އަށް އަރާއިރު، ހއ އަތޮޅުގައި ދިރިއުޅެމުން ގެންދާ ކަމަށް އަންދާޒާ ކޮށްފައިވާ އާބާދީއަކީ 13،269 މީހުންނެވެ.

އެހެން ނަމަވެސް 2054 ވަނަ އަހަރާ ހަމައަށް ދާއިރު ހއ އަތޮޅުގައި ދިރިއުޅޭ އާބާދީ 7،801 އަށް ދަށަށް ދާނެ ކަމަށް އެ ރިޕޯޓުގައި ލަފާ ކޮށްފައި ވެއެވެ.

ކޮންމެއަކަސް ކޯވިޑުގެ ޢާލަމީ ވަބާއާއި އެކު ދިވެހިންގެ ދިރިއުޅުމަށާއި އުޅުމާއި ގުޅުންތަކަށް މި އައީ ބަދަލުތަކާ އެކު މި ލަފާކުރުންތައް ބަދަލު ވެދާނެ ކަމަށް ފެނެއެވެ.

މާލޭގައި ކުއްޔަށް ދިރިއުޅުނު އެތަކެއް ޢާއިލާއެއް އެކުގައި އަމިއްލަ ރަށަށް ބަދަލުވެއްޖެއެވެ. އެހެން ނަމަވެސް މި ޙަޤީޤަތް ހަމަ ލޮލަށް ފެންނަ ވަރު ވާނީ މިއަހަރު އޮންނަ ބޯހިމެނުމަށް ފަހުގައެވެ.