ޤުރްއާނަކީ އަހަރެމެން މުސްލިމުންގެ އެންމެ މުޤައްދަސް ފޮތެވެ. އަދި އެއީ އަހަރެމެންގެ ވެރި އިލާހުގެ ކަލާމްފުޅުވެސް މެއެވެ. ވީމާ ޤުރްއާނާ ބެހޭ މަޢުލޫމާތުތައް އެންމެ ފުރިހަމައަށް އުނގެނުމަކީ ކޮންމެ މުސްލިމަކުވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ. އަދި ޤުރްއާނާ ބެހޭ ފިޤުހީ މައްސަލަތަކާ ބެހޭ މަޢުލޫމާތުތައް ބަލާ ހެދުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ.
ކުޑަ ޙަދަޘް ވެރިވެފައިވާ މީހާ، އެޙާލަތުގައި ވާ ހިނދު ނުވަތަ އަލުން ވުޟޫ ނުކުރާހާ ހިނދަކު އޭނާއަށް ޤުރްއާން ކިޔެވިދާނެތޯ ކުރާ ސުވާލަކީ ވަރަށް ގިނަ ފަރާތްތަކުގެ ހިތުގައި އުފެދޭ ސުވާލެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ޤުރްއާނަކީ އަޅުގަނޑުމެން ނުހަނު ލޯބިވާ އެއްޗެކެވެ. ހިނގާފައިދާ ވަގުތު ނުވަތަ ސައިކަލުގައި ތަނަކަށް ދާއިރު ނުވަތަ ބަހުގައި ދަތުރެއް މަތީގައި ވާހިނދުވެސް ބައެއް މީހުން، އެމީހުންނަށް ޤުރްއާނުން ދަސްވެފައިވާ މިންވަރެއް ކިޔެވުމަށް ލޯބި ކުރެއެވެ.
އެއީ ސޫރަތުއް ޟުޙާ އިން ތިރީގެ ސޫރަތްތައް ނަމަވެސް، މިފަދައިން ޢަމަލު ކުރާ މީހާ އެވަނީ ވަރަށް ބޮޑު ހެވެއްގައެވެ. ހަމައެއާއެކު، ވުޟޫގެ މަތީގައި ދެމި ހުރުމަކީ އެދެވިގެންވާ ރީތި ސިފައެއް ކަމުގައި ވީ ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދުވާލުގެ ސައްވީސް ގަޑި އިރުގެ ތެރެއިން ގިނަ އިރުތަކެއް ދަނީ ކުޑަ ޙަދަޘް ވެރިވެފައިވާ ޙާލުގައެވެ. އަދި އެންމެން ތިބެނީ އަބަދު ވުޟޫގެ މައްޗަކުވެސް ނޫނެވެ. އެހެންކަމުން މިފަދަ ޙާލަތެއްގައިވާ މީހާއަށް ޤުރްއާން ކިޔެވިދާނެ ހެއްޔެވެ؟
ގިނަ ޢިލްމުވެރިން ބުރަވެ ލައްވާ ގޮތުގައި ކުޑަ ޙަދަޘް ވެރިވެފައިވާ މީހާ ޤުރްއާނުގައި ބީހުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް އެފަދަ މީހަކު ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެއް ކަމާމެދު ޢީލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ. އަދި މިކަމާމެދު ޢިލްމުވެރިންގެ މެދުގައި އިޖުމާޢެއް ވާ ކަމުގައި ބައެއް ފަރާތަތަކުން ފާހަގަ ކުރައްވާފައިވެސް އެބަހުއްޓެވެ. އެހެނީ މުޞްޙަފުގައި ބީހުމަކާ ނުލާ ވެސް ޤުރްއާން ކިޔެވިދާނެއެވެ. އެއީ މިސާލަކަށް ކުރިން ފާހަގަ ކުރެވުނު ފަދައިން ސައިކަލު ދުއްވާފައިދާ މީހާ އަށް ވެސް އޭނާ އަށް ހިތުދަސްވެފައިވީ މިންވަރަކުން ޤުރްއާން ހިތުން ކިޔެވިދާނެއެވެ. މިކަމަށް ދަލާލަތު ކޮށްދޭ ޙަދީޘެއްވެސް ވެއެވެ. ޝައްކެއް ނެތް ގޮތުގައި އަހަރެމެންގެ ނަބިއްޔާ ވަނީ އަހަރެމެންނަށް އިސްލާމީ ޝަރީޢަތަށް އުޅޭނޭ ގޮތް ދަސްކޮށްދެއްވާފައެވެ. އެއީ އެކަލޭގެފާނުގެ ބަހާއި ޢަމަލުންނެވެ. އަދި އެކަލޭގެފާނު އިޤުރާރު ވެލައްވާފައިވާ ކަންކަމުންނެވެ. މިއަށް އެކަލޭގެފާނުގެ ސުންނަތޭ ވެސް ކިޔައެވެ. މިފަހަރު އެކަލޭގެފާނުގެ ޢަމަލުފުޅެކެވެ.
މިއީ އިމާމް ބުޚާރީ އަދި މުސްލިމް ގެންނަވާފައިވާ ޙަދީޘެކެވެ.
عن عَبْدَ اللَّهِ بْنٍ عَبَّاسٍ أَنَّهُ بَاتَ لَيْلَةً عِنْدَ مَيْمُونَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – وَهِيَ خَالَتُهُ – قال : فَاضْطَجَعْتُ فِي عَرْضِ الْوِسَادَةِ وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا فَنَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى إِذَا انْتَصَفَ اللَّيْلُ أَوْ قَبْلَهُ بِقَلِيلٍ أَوْ بَعْدَهُ بِقَلِيلٍ اسْتَيْقَظَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَلَسَ يَمْسَحُ النَّوْمَ عَنْ وَجْهِهِ بِيَدِهِ ثُمَّ قَرَأَ الْعَشْرَ الْآيَاتِ الْخَوَاتِمَ مِنْ سُورَةِ آلِ عِمْرَانَ ثُمَّ قَامَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ مِنْهَا فَأَحْسَنَ وُضُوءَهُ ثُمَّ قَامَ يُصَلِّي .[رواه البخاري ( 4295 ) ومسلم (763) ]
އަބްދުﷲ ބުން އައްބާސް ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިކަނބަލުން މައިމޫނާގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. -އެއީ އެކަލޭގެފާނު ބޮޑުދައިތައެވެ – “އަހަރެން ބާލީހުގެ ހުރަހަށް އޮތްއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ނުވަތަ ކުޑަވަގުތުކޮޅެއްގެ ފަހާ ޖެެހެންދެން އަވަހާރަފުޅު ލެއްޕެވިއެވެ. އެއަށްފަހު ރަސޫލުﷲޞައްލަﷲ ޢަލައިހިވަސައްލަމަނިދިން ތެދުވެވަޑައިގެން، އިށީނދެވަޑައިގަތުމަށްފަހު ނިދިފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވެވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ…. ދެން ތެދުވެވަޑައިގެން (ވުޟޫކުރެއްވުމަށްޓަކައި) ފެންއަޅާފައި އެލުވާފައިވާ ކަންވާރުުގެ ކަރިއަށް ވަޑައިގަތެވެ. ދެން އެއަށްފަހު ފުރިހަމަ ވުޟޫއެއް ކުރެއްވުމަށްފަހު ނަމާދަށް ތެދުވެވަޑައިގަތެވެ.”
މިޙަދީޘުން އެނގިގެން ދިޔަ ފަދައިން ނަބިއްޔާ ވަނީ އެރޭގައި ރޭގަނޑުގެ އަވަހާރަފުޅު ލައްޕަވާފައެވެ. ޙަދީޘް ރިވާ ކުރައްވަމުން ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވެފައިވާ ފަދައިން “ރޭގަނޑުގެ ދެބައިވަންދެން ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ނުވަތަ ކުޑަވަގުތުކޮޅެއްގެ ފަހާ ޖެެހެންދެން އަވަހާރަފުޅު ލެއްޕެވިއެވެ.” މިކަމަކީ، ނިދުމުގެ ކުރިން ވުޟޫ މަތީގައިވާ މީހާގެ ވުޟޫ ގެއްލުވާލާ ކަމެކެވެ. އެހެންކަމުން އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ހޭފުޅު ލައްވައި، ތެދުވެވަޑައިގަތް ވަގުތުގައި އެކަލޭގެފާނު ވާނީ ކުޑަ ހަދަޘް ވެރިއެއްގެ ޙާލަތުގައެވެ. ހަމައެއާއެކު މި ޙާލަތުގައި އެކަލޭގަފާނު ވަނީ ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވާ ވިދާޅުވެފައެވެ. އެއީ އާލު ޢިމްރާން ސޫރަތުގެ ފަހު ދިޔަ އާޔަތެވެ. މިޙާލަތުގައި ވެސް އެކަލޭގެފާނު ޤުރްއާން ކިޔަވާ ވިދާޅުވުމުން، ކުޑަ ޙަދަޘް ވެރިވެފައިވާ މީހާއަށް ވެސް ޤުރްއާން ކިޔެވޭނެ ކަން އަހަރެމެންނަށް އެނގިއްޖެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!