ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތް ހއ އަތޮޅުގައި ރަސްމީކޮށް މިއަދު ފެށި ނަމަވެސް މިދިޔަ މަހު ވަނީ ދަތުރުތައް ފަށައިފައެވެ. މި ހިދުމަތް އެ އަތޮޅުގައި ދެމުން އައީ ހދ. އަތޮޅުގައި ފުރަތަމަ ދެމުން އައި ގޮތަށް ހިލެއެވެ.
ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ހިލޭ ދަތުރުތައް ބާއްވަނީ އެ ސަރަހައްދެއްގެ ދަތުރުފަތުރު އޮންނަ ގޮތް ދިރާސާކޮށް، ޓެސްޓް ކުރުމަށެވެ. ހދ. ގައި އެމްޓީސީސީގެ ޓެސްޓުތައްވެސް ކާމިޔާބުވެފައިވާއިރު އެ އަތޮޅުގައި އެންމެ ގިނަ ބަޔަކު ދަތުރު ކުރަނީ ކުޅުދުއްފުށި ސިޓީއަށް ކަން ދިރާސާއިން ދައްކާ ކަމަށްވެއެވެ.
ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުން ކަމަށާއި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އަގު ނަގައިގެން ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ޒޯން އެކެއްގެ ހިމެނޭ ހއ އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި މިއަދު ދަތުރުތައް ފަށާފައިވާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީއެލްގެ ހިދުމަތް ޒޯން 1 ގެ ށ. އަތޮޅު ފިޔަވައި ދެން ހިމެނޭ ދެ އަތޮޅުކަމުގައިވާ ހދ. އަދި ހއ. އަތޮޅުގެ ރަށްތަކަށް ރަސްމީކޮށް ފެށުނީ ކަމަށެވެ.
އާރްޓީއެލްގެ އަތޮޅުތެރޭގެ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35ރ. އާއި 100ރ. އާ ދެމެދުގައެވެ. ދެކޮޅުގެ ދަތުރުތައް އުޅެނީ 65ރ. އާއި 225ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ދަތުރުގެ އަގު ކަނޑައަޅާފައިވަނީ ދަތުރުގެ ދުރުމިނަށް ބެލުމަށް ފަހު ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ އާއްމުކޮށް ލޯންޗް ފެރީތަކުގައި ނަގާ ވަރަށްވުރެ ކުޑަ އަގުތަކެކެވެ.
ހއ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޓިކެޓު ހޯދުމަށް، އެމްޓީސީސީގެ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓު ގަނެވޭނެއެވެ.
ހއ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ހަފްތާގެ ހަތް ދުވަހު އަށް ރޫޓަކުން ލިބޭނެއެވެ. އެއީ:
ރޫޓް އެސް 1 ސީ 1: ތުރާކުނު - ދިއްދޫ
ރޫޓް އެސް 1 ސީ 2: މުޅަދޫ - ދިއްދޫ
ރޫޓް އެސް 1 ސީ 3: މާރަންދޫ - ދިއްދޫ
ރޫޓް އެސް 1 ސީ 4: ފިއްލަދޫ - ދިއްދޫ
ރޫޓް އެސް 1 ސީ 5: ކެލާ - ދިއްދޫ
ރޫޓް އެޗް 1: އިހަވަންދޫ - ކުޅުދުއްފުށި ސިޓީ
ރޫޓް އެސް 1 ސީ6: ދިއްދޫ - ހަނިމާދޫ
ރޫޓް އެސް 1 ވީ1: ދިއްދޫ - ކުޅުދުއްފުށި ސިޓީ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!