އަންނަ މަހު ތެރޭގައި ށ.އަތޮޅުގައި ވެސް ހައި ސްޕީޑު ފެރީ ދަތުރުތައް ފެށޭނެ ކަމަށް އެމްޓީސީސީން ހާމަ ކޮށްފި އެވެ.
އެމްޓީސީސީން ހއ.އަތޮޅުގައި ހައި ސްޕީޑު ފެރީ ދަތުރުތައް ފެށުމަށް ބޭނުންވާ ފަސް ލޯންޗް އިއްޔެ ހއ.އަށް ފުރުވާލުމުގެ ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ޒޯން 1 ގައި ފެރީގެ ޚިދުމަތް ނުފެށި އޮތް ހަމައެކަނި އަތޮޅު ކަމަށްވާ ށ.އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ތައް ހާމަކޮށްފައެވެ.
އެގޮތުން އެމްޓީސީސީ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ވިދާޅުވީ ކުރިއަށް އޮތް ޖުލައި މަސް ނިމުމުގެ ކުރިން ށ.އަތޮޅުގައިވެސް އާރުޓީއެލް ޚިދުމަތް ފެށޭނެ ކަމަށާއި އެއާއެކު ޒޯން 1 ގެ ހުރިހާ ރަށްތަކަށް ފެރީގެ ދަތުރުތައް ފެށި ފުރަތަމަ ޒޯނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ޒޯން އެކެއްގައި ހިމެނޭ ށ.އަތޮޅުގައި ހައި ސްޕީޑު ފެރީ ދަތުރުތައް ފެށުމަށް ވަމުންދާ ތައްޔާރީ ތަކާބެހޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ށ.އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް ޚިދުމަތުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.
އެގޮތުން މިހާރު ވެސް ށ.އަތޮޅުގައި ދަތުރުތައް ފެށުމަށް ބޭނުންވާ ލޯންޗުތައް ބަނދެ، ނިމިފައި ވާއިރު، މިހާރު ކުރިއަށް ދަނީ ލޯންޗުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްތައް ކަމަށް އާޒިމް ވިދާޅުވިއެވެ.
ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން އާރް.ޓީ.އެލް ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ.އަތޮޅުގައެވެ.
މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ބޮޑެތި ފެރީތަކެކެވެ.
އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ އަދި އެއްފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ.
މީގެއިތުރުން މި ލޯންޗު ތަކަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ފެރީ ތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!