ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ރަށްރަށަށް ދާ މީހުން ގިނަ ޤައުމީ އެއާލައިން މޯލްޑިވިއަން އިން ބައެއް މަންޒިލްތަކަށް ދަތުރުތައް އިތުރުކޮށްފިއެވެ.
އިއްޔެ އެ އެއާލައިނުން ބުނި ގޮތުގައި 4 މަންޒިލަކަށް ކުރާ ދަތުރުތަކެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުނަދުއާއި ހޯރަފުއްޓާއި ތިމަރަފުއްޓާއި ކައްދޫއާ ކުރާ ދަތުރުތައް މިވަނީ އިތުރުކޮށްފައެވެ.
މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް އޮންނާނީ 26 ޖޫންގަައި ކަމަށެވެ. އެ ދުވަހު އިތުރު މަންޒިލްތަކަށްވެސް ޑިމާންޑް އޮތްނަމަ ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަން އިން މި 4 މަންޒިލަކަށް ދަތުރުތައް އިތުރު ކޮށްފައިވާއިރު މިފަހަރު ޗުއްޓީގައި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ މަދު ދަތުރު ކުރަމުން އަންނަ އެއް މަންޒިލް ކަމަށްވާ ކުޅުދުއްފުށި ސިޓީއަށް ދަތުރުތައް އިތުރު ނުކުރެއެވެ.
މިކަމާއި ގުޅިގެން “ތިލަދުން” އިން އިއްޔެ މިކަމާއި ސުވާލު ކުރުމުން ވިދާޅުވީ އިއްޔެ އާއި ހަމައަށް އެސިޓީއަށް އިތުރު ފުލައިޓެއް ސެޑިއުލް ނުކުރާކަމަށެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި މޯލްޑިވިއަންގެ އޮފިސިއަލް “ތިލަދުން” އަށް ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު އިތުރު ފުލައިޓްއެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އެ އެއާލައިނުން ބުނާގޮތުންނަމަ ދަތުރު އިތުރު ނުކުރަނީ ޑިމާންޑް ނެތުމުންނެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ކުޅުދުއްފުއްޓަށް ދާން ޓިކެޓް ނުލިބޭ ވާހަކަ ދައްކައެވެ. އަދި އެ ސިޓީއަށް އިތުރު ފްލައިޓުތައް ބާއްވަން ވެސް އެދެއެވެ.
ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭގެ ހޮސްޕިޓަލްތައް ނަގާފައި އެންމެ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން ދާ ހޮސްޕިޓަލެވެ. އެހެންކަމުން މި ޗުއްޓީގައިވެސް އެ ރަށަށް ބޭސްފަރުވާއަށް ދާނެ މީހުން ވެސް ތިބޭނެއެވެ.
މިވަގުތު މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ދުވާލަކު ކުރަނީ އެންމެ ދަތުރެކެވެ. މިއީ ކުޅުދުއްފުށީގެ ޑިމާންޑަށް ބަލައި ވަރަށް މަދު ދަތުރުތަކެއް ކަމަށް ޗުއްޓީގެ ކުރިންވެސް މީހުން ދިޔައީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!