ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު އިންތިޚާބު ކުރުމަށް ހުޅުވާލި ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ ހަމައެކަނި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްކަމުން އިންތިޚާބަކަށް ދާންނުޖެހި، އެ ގޮނޑި އަށް ޕީޕީއެމްގެ ކެންޑިޑޭޓް ހޮވިއްޖެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، އަންނަ ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ޢިއުލާންކުރި ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު ކުރިމަތިލާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް އެކަނި ކަމަށެވެ.
އެހެންކަމުން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބު ކުރަންޖެހޭ ޢަދަދަށް އެންމެ ފަރާތަކުން ކުރިމަތި ލާފައި ވާތީ އޭނާ އެ ގޮނޑިއަށް އިންތިޚާބުވެފައިވާ ކަމަށް އީސީން ބުންޏެވެ.
ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އަލަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އެރަށު ނިއުފޯސް، ޒުހާ އިބްރާހީމްއެވެ.
އީސީން ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޒުހާ އިބްރާހީމް އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރައްވާފައެވެ.
ވަށަފަރަކީ އިދިކޮޅު ޕީޕީއެމަށް ވަރަށް ތާއީދު ބޮޑު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!