ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައިފިއެވެ.

އެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި ގޮތުން ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އަރުވާފައި ވަނީ އެބޭފުޅުންގެ ހަނދާނުގައެވެ.

Ad
rt

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައީސް އޮފީހަކީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މައި އިދާރާ ކަމަށްވާތީ، އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމު ހިންގެވުމުގެ އެންމު މުހިންމު ދައުރު އަދާކުރެއްވީ ރައީސް އޮފީހުގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންކަމަށެވެ.

ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާންޖެހޭނެ ކަމަށާއި އަދި ރައީސް އޮފީހުގެ މުވައްޒަފުންގެ ޢަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާއެއްކަމުގައެވެ. އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ ޢަދަދު ވެސް ހުރީ ދާދި އެއް ވަރަކަށް ކަމަށާއި، މިއީ މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާއިރު ވެސް އެއީ ރަނގަޅު ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޢުމުރުފުރާއަށް ބަލާއިރު ވެސް، ޢުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ވެސް ރައީސް އޮފީހުގައި ތިއްބެވިކަމަށާއި ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާއަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިޔުމުގެ ބޭނުންތެރިކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރަށްވާފައެވެ.

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 40 އަހަރާއި، 35 އަހަރާއި، 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 49 ބޭފުޅަކަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 33 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 44 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކުރެވިފައެއް ނެތެވެ.