ރާއްޖެއަށް މިދިޔަ އަހަރު ގެނައި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދިފާއީ ވަކީލުން އުޅޭ ގޮތުން، އެ މަސްތުވާތަކެތީގެ ޒިންމާ އެކަކު ނެގުމަށްފަހު ދެން ތިބި މީހުން ސަލާމަތްކޮށްދޭން އުޅޭކަމަށް ޕީީޖީން ކްރިމިނަލް ކޯޓުގައި މިއަދު ތުހުމަތުކޮށްފި އެވެ.
ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކޮށް، ގެންގުޅުނު ކަމަށް ބުނެ ގދ. ހޯޑެއްދޫ ތިން މީހުން ކަމަށްވާ އަހުމަދު މުޖާހިދާއި އަލީ ޒުބައިރާއި އަހުމަދު ސުނައިނަށް ދައުވާ ކުރާއިރު، ދައުލަތުން މިއަދު ތުހުމަތު ކުރީ ޒުބައިރު އޭގެ ޒިންމާ ނެގުމަށްފަހު ދެން ތިބި މީހުން ސަލާމަތްކޮށްދޭން އުޅޭ ކަމަށެވެ. ތިން މީހުންގެ ވަކީލުންނަކީ ވެސް އެއް ބައެކެވެ.
އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅިއިރު، ޒުބައިރުގެ ފަރާތުން ދިފާއީ ވަކީލުން ހުށަހެޅުމެއް ހުށަނާޅާތީ އެވެ. އަދި އެކަން ޒުބައިރަށް އެނގެން ޖެހޭނެ ކަމަށް ބުނެ، އެކަން ގާޒީގެ ސަމާލު ކަމަށް ދައުލަތުން ގެނެސްދިނެވެ.
ޒުބައިރުގެ ވަކީލް ޝީނާ މުހައްމަދު ވިދާޅުވީ ޒުބައިރު އޭގެ ޒިންމާ ނަގަން އުޅޭނަމަ އޭނާގެ ފަރާތުން ދިފާއީ ހެކި ހުށަނޭޅީސް ކަމަށެވެ.
ދިފާއީ ވަކީލުން ކަންކުރާ ގޮތާ މެދު ކަންބޮޑުވުމެއް އެބައޮތްތޯ ޒުބައިރާ ސުވާލު ކުރުމުން އޭނާ ބުނީ އޭނާ ކަންބޮޑުވާ ކަމެއް ނެތް ކަމަށެވެ. އޭނާ ކަންބޮޑުވާ ކަމެއް ނެތުމުން އެކަމުގައި މައްސަލައެއް ނެތީ ކަމަށް ގާޒީ ދީބާނާޒް ފަހުމީ ނިންމެވި އެވެ.
119 ކިލޯ ޑްރަގާ ފުލުހުން ގުޅުވަނީ މީގެކުރިން ނުވަ ކިލޯ ޑްރަގް މައްސަލައެއްގައި އަތުލައިގަތް އިސް މީހާ ކަމަށްވާ އަރުޝަދު ޚާލިދާ އެވެ. އޭނާއަކީ މި މައްސަލާގައި ދައުވާލިބޭ މުޖާހިދުގެ ބޭބެ އެވެ. ނުވަ ކިލޯ މައްސަލާގައި އަރުޝަދުގެ މައްޗަށް ކުށް ސާބިތުނުވެ މިދިޔަ އަހަރު ސަލާމަތްވިއިރު، ދެން ދައުވާލިބުނު އެހެން ބައެއް މީހުންނަށް ކުށް ސާބިތުވި އެވެ.
މީގެކުރިން ވެސް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުމުން އޭގެ ތެރެއިން އެކަކު ޒިންމާ ނެގުމަށްފަހު ދެން ތިބި މީހުން ސަލާމަތްކޮށްދެ އެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!