މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ)ގެ ޑެސްކެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި އެ އޮތޯރިޓީއާއި، ށ. އަތޮޅު ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ، އެލް.އާރް.އޭއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، އެލް.އާރް.އޭގެ ވަޒީފާއާބެހޭ އޮފިސަރުން އެ އަތޮޅުގައި ބޭތިއްބުމަށް، ށ. އަތޮޅު ކައުންސިލާއެކުވެވުނު އެއްބަސްވުމެއްކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

Ad
rt

އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާ މި އެއްބަސްވުމުގައި ށ. އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް، މުޙައްމަދު ޝިޔާމް ދެއްކެވި ވާހަކުފުޅުގައި، އަތޮޅު ކައުންސިލްގެ މުވައްޒަފުންނެކޭ އެއްފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ށ. އަތޮޅަށް ދެއްވި އަހައްމިޔަތާއި ފުރުޞަތަށް އޮތޯރިޓީއަށް ޝުކުރު އަދާ ކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ބައިތިއްބާ އެލް.އާރް.އޭގެ މުވައްޒަފުން، އަތޮޅު ކައުންސިލްގެ އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، މަސައްކަތްތައް ކުރާގޮތައް ވަނީ ހަމަޖައްސާފައެވެ.

މިއީ މިފަދައިން އެލް.އާރް.އޭގެ ޑެސްކެއް ގާއިމްކުރުމަށް އަތޮޅު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރި ދެވަނަ އަތޮޅެވެ. މީގެ ކުރިން، މިއަހަރުގެ މާރިޗު މަހުގެތެރޭ، ރ. އަތޮޅު ކައުންސިލާއެކުވެސް އެލް.އާރް.އޭ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް، މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތް ފަށާފައެވެ.

އެލް.އާރް.އޭގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އެލް.އާރް.އޭއިން ވިދާޅުވެއެވެ. އަދި އަމާޒަކީ، އަހަރުގެ ނިޔަލަށް 8 އަތޮޅެއްގައި އޮތޯރިޓީގެ މުވައްޒަފުން ބައިތިއްބައިގެން މަސައްކަތް ފެށުންކަމަށް ވެސް ވިދާޅުވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ) އަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ.