ތިލަދުންމަތީ އުތުރުބުރީ ތުރާކުނަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. މިއީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ސާދަ ރަށުގެ ތެރެއިން ވެސް ފުރަތަމަ ރަށެވެ. ޖިއޮގްރަފީގޮތުންވެސް ތުރާކުނަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ފުރަތަމަ ރަށެވެ.

ތުރާކުނަކީ އިހުގައި ދިވެހިންގެ ނަމަވެސް ފަހުގައި އިންޑިއާގެ މަލިކާއި އެންމެ ކައިރީގައި އޮންނަ ދިވެހިރާއްޖޭގެ ހިކިފަސްބިމެވެ. ކުރިން ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތްއިރު ދެރަށުގެ މެދުގައި ސީދާ ވިޔަފާރިކަމުގެ ގުޅުމާއި އުޚުއްވަތްތެރިކަމުގެ ގުޅުން އޮތްއިރު، ދެ ރަށުގެ މަސްވެރިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރަތް ކުރަމުން ދިޔައެވެ.

Ad
rt

މިފަދަ އެކުވެރިކަމުގެ ގުޅުންތައް ދިވެހިރާއްޖެ މިނިވަންވީ ފަހުންވެސް، މަލިކާދެމެދު އޮތެވެ. އަދި މަލިކު އިންޑިއަން ޔޫނިއަންގެ ބަޔަކަށް ވެގެން ދިޔަ ފަހުންވެސް މިގުޅުންތައް އޮތެވެ. އެހެންނަމަވެސް 1956 ވަނަ އަހަރަށްފަހު އިންޑިއާ ސަރުކާރުން މި ދަތުރުތައް މަނާކުރިއެވެ.

ބައްތިތައް ޖަހާފައިހުރި ސަރަހައްދުތައް ފާހަގަ ކުރެވިފައި - ފޮޓޯ: އަލީ ޢަބްދުއްލަޠީފް

މިހާރު ޖިއޮގްރަފިކަލް ޕްރޮކްސިމިޓީ އާއި އެތްނޮގްރަފިކް އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް، ދިވެހިންނާއި މަލިކު މީހުންނާއި ސީދާ ދަތުރުކޮށް ބައްދަލުކުރުމުގެ ހުއްދައެއް ނޯވެއެވެ.

ތުރާކުނުގެ އެންމެ މުހިއްމު ލޭންޑްމާރކަކީ ތުރާކުނުގެ އެންމެ އުތުރުގައި ނުވަތަ ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ބިނާކޮށްފައިވާ ރާއްޖޭގެ އެންމެ އުތުރު ފާހަގަކޮށްދޭ ބައްތިއެވެ. މިބައްތީގެ އެންމެ މުހިއްމު ބޭނުމަކީ، ރޭގަނޑުގެ ވަގުތުތަކުގައި އެންމެ އުތުރުން ދިވެހިރާއްޖެ ފާހަގަ ކުރުމާއި ފަރެއް އޮތްކަން ދަތުރުކުރާ ފަރާތްތަކަށް އަންގައިދިނުމެވެ. މިފަދަ ބައްތިތަކުގެ ސަބަބުން ފަރަށް އުރުން ފަދަ ޙާދިޞާތަކުން ސަލާމަތްވުމުގެ ފުރުޞަތު އޮވެއެވެ.

އިހުޒަމާނުގައި ކަނޑުދަތުރުފަތުރު ކުރާއިރު، މިހާރު ދަތުރުކުރާ އުޅަނދުތަކުގައި ހުންނަ ފަދަ ޖީޕީއެސް ނެވިގޭޝަން ސިސްޓަމްތައްފަދަ ޒަމާނީ ވަސީލަތްތައް ނުހުންނާނެއެވެ. މިފަދަ ވަސީލަތްތައް ހުއްޓަސް، މިހާރުވެސް ފަރުތައް ފާހަގަކުރުމުގެ ގޮތުން ބައްތިޖަހައެވެ. އެގޮތުން ތުރާކުނު ބައްތިއަކީ މިހާރު ވެސް ދިވެހިރާއްޖޭގެ އެންމެ މުހިއްމު އެއް ބައްތީގެ ގޮތުގައި ފާހަގަކުރެވޭ ބައްތިއެކެވެ.

ބައްތި ހުރި ސަރަހައްދު - ފޮޓޯ ޢަލީ ޢަބްދުއްލަޠީފް

2021 ވަނަ އަހަރު ރާއްޖެއަށް ކުރި ވަރުގަދަ ވިއްސާރައިގައި ތުރާކުނު ބައްތި ސަރަޙައްދުވަނީ ގިރާލައި ރަށާއި ވަކިވެފައެވެ. އަދި ބައްތި އަރިއަޅާލައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އަދާ ހަމައަށް ވެސް މިހާ މުހިންމު ބައްތިއެއް މަރާމާތުކޮށް ރަނގަޅު ކުރެވިފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ އެންމެ އުތުރު ޕޮއިންޓަށް ގޮސް ފޮޓޯއެއް ނަގާލުމަކީ މީސްމީޑިޔާގެ މި ރަންޒަމާނުގައި ކޮންމެ ދިވެއްސަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ތުރާކުނު ކައުންސިލުން މިތަނަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޮޓޯ ނަގައި ރަށުގެ އެންމެ މުހިއްމު ލޭންޑްމަރކްގެ ގޮތުގައި ތަރައްޤީ ކުރައްވާނެ ކަމާމެދަކު ޝައްކެއްނެތެވެ.

ބައްތި ހުރި ސަރަހައްދު ގިރާލާފައި - ފޮޓޯ ޢަލީ ޢަބްދުއްލަޠީފް

އެހެނީ ދިވެހިރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ގަމުގައިވެސްވަނީ (މޯސްޓް ސަދަން ޕޮއިންޓް އޮފް ދަ މޯލްޑްވްސް) ފާހަގަ ކުރެވިފައެވެ. ހަމަ އެގޮތަށް ތުރާކުނުގައިވެސް (މޯސްޓް ނޮދަރން ޕޮއިންޓް އޮފް ދަ މޯލްޑިވްސް) ފާހަގަވާނެފަދަ ހިތްގައިމު ރީތި މޮނިއުމެންޓެއް ބިނާކުރުމަކީ ތުރާކުނަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވާނެކަން ގައިމެވެ.

މިފަދަ ތަނެއް ތަރައްޤީ ކުރެވިއްޖެނަމަ، ރަށަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންނާއި އެތެރޭގެ ދަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ތަނަކަށް ތުރާކުނު ވެގެންދާނެ ކަމާމެދަކު ޝައްކެއްނެތެވެ. ތުރާކުނަކީ އެހާ ވެސް ހިތްގައިމު ރީތި އާދަޔާ ޚިލާފު ނަލަ އުސް ފަސްގަނޑެއް ނުވަތަ ތުނޑި އެއްވެސް އޮންނަ ރަށެކެވެ.