ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގެ ހެކިބަސް ނެގުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ހުޅުމާލޭގައި ޓެކްސީގައި ދުއްވާފައި ދަނިކޮށް ގާސިމްގެ އަތުން ފައިސާ ފޭރުމުގެ ގޮތުން އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް ގެންދާތާ ދެ ތިން މަސް ވެއްޖެ އެވެ.
އެކި ދުވަސްމަތިން އެކި ހެކިވެރިން ގެނައުމަށްފަހު މިއަދު އެންމެ ފަހު ހެއްކަކަށް ކޯޓަށް ހާޒިރުކުރީ ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާ ބެހޭގޮތުން ކަންކަން ސާފުކޮށްދޭން ހުށަހެޅި ޑޮކްޓަރެކެވެ. އެ ރިޕޯޓުގައި ހުރި ކަންކަމާއި ގާސިމަށް ލިބިފައި ހުރި އަނިޔާތައް އޭނާ ތަފްސީލުކޮށްދިނެވެ.
ބާކީ ދެ ހެކިވެރިއަކު ތިއްބަސް، އެ މީހުން ހާޒިރު ނުުކުރެވޭނެތީ ކްރިމިނަލް ކޯޓުން މިއަދު ނިންމީ ހެކިބަސް ނެގުން ނިންމާލާށެވެ. ދެން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.
ގާސިމް މަރާލި ކަމަށް އަދުހަމް ކޯޓުގައި ފުރަތަމަ އެއްބަސްވި އެވެ. ދެވަނަ ދުވަހު އޭނާ ކުރީ އިންކާރެވެ. ތިން ވަނަ ދުވަހު އަލުން ކުށަށް އެއްބަސްވި އެވެ. އެކަމަކު މިހާރު ބުނަނީ މަރާލީ ގަސްދުުގައި ނޫން ކަމަށާއި ފައިސާ ފޭރެން އުޅެނިކޮށް ވަޅި ހެރުނީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!