ހދ. ފިނޭގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގުމަށް އެދި އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ފިނޭ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގުމަށް އެދި އިލްތިމާސްކުރަމުން ފިނޭ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނަގަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad
rt

މިތަކެތި ނެގުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމަކަށްވާތީ، އެރަށު ގޮނޑުދޮށުން އިއްޔެއިން ފެށިގެން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގުމަށް ފިނޭ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ތިމާވެއްޓަކީ، އަންނަންއޮތަ ޖީލުތަކަށް ހެޔޮގޮތުގައި ދަމަހައްޓައިދޭންޖެހޭ އަގުހުރި ތަރިކައެއް ކަމަށްވާތީއާއި، ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަނާއި، ކަނޑުތަކާއި، ޖައްވާއި، އެތަންތަނުގައިވާ ތަކެއްޗާއި، އެތަންތަނުގައި އުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމާ، އެތަންތަނާއި ތަކެތީގެ ސަބަބުން ލިބޭ ފައިދާތައް ދަމަހައްޓައި އިތުރު ކުރުމަކީ، ރާއްޖެ ދެމިއޮތުމަށާއި ރާއްޖޭގެ ކުރިއެރުމަށް ހިއްސާކޮށްދޭނެ ކަންތައްތަކެއް ކަމަށްވާތީ، މިކަންކަމުގެ މައްޗަށް ދިވެހި ސަރުކާރާއި ރައްޔިތުން ހާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށެވެ.

އަދި އެވަގުތަކު ރާއްޖޭގެ ހާލަތު ތަންދޭ ގޮތެއްގެ މައްޗަށްބަލައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކަންތައްތައް ކުރަމުން ދެންދަންވީ ގޮތުގެ އިރުޝާދު ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ދެމުން ގެންދަންވާނެކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުންދޭ އިރުސާދުތަކަށް ހުރިހާ ފަރާތަކުންވެސް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.