ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަލީމަތު ލަމްހާއަށް ޖަލުގައި ކާން އަޅައިދޭނެ މީހުންނާއި ލޯންޑްރީ ސާވިސް އާއި ސިޑިން އަރަން އެހީތެރިވާން އޮފިސަރުން ހަމަޖައްސާފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން މިއަދު ވަނީ އޭނާއަށް ޖަލުގައި ލިބޭ ލުއިތައް ކޯޓުގައި ކިޔައިދީފަ އެވެ. އެއީ އޭނާ ބެޑްރެސްޓް ކުރަން ޑޮކްޓަރުން ލަފާ ދީފައިވާތީ އެވެ.

Ad
rt

ދައުލަތުގެ ވަކީލުން ބުނިގޮތުގައި ލަމްހާ ފެން ބާލިދީ އުފުލަން ނުޖެހޭ ގޮތަށް އިސްކުރި ހޮޅިއެއް އޮތީ ދީފަ އެވެ. އަދި ކާން އަޅަން އަމިއްލައަށް ދާން ނުޖެހި، މުވައްޒަފުން އައިސް ލަމްހާގެ ތަށްޓަށް ކާން އަޅާދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ސިޑިން އަރާއިރު ވެސް ކަރެކްޝަންސްގެ އޮފިސަރުން ލަމްހާ ކައިރީގައި ތިބޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ލޯންޑްރީ ޚިދުމަތް ވެސް ލަމްހާއަށް ދޭން ހުށަހެޅި ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ލޯންޑްރީ ޚިދުމަތް ލަމްހާ ބޭނުމެއް ނުކުރި އެވެ.

އެހެން ނަމަވެސް ލަމްހާ ބުނިގޮތުގައި ހޮޅިގަނޑެއް ފޯރުކޮށް ދިނުން ފިޔަވައި އިތުރު ލުޔެއް އޭނާއަކަށް ނުލިބެ އެވެ. މައިބަދައިގައި މައްސަލަ ޖެހިފައި ހުއްޓަސް، އަދިވެސް ފުރަގަހަށް ބިޑި އަޅުވާ ކަމަށާއި އަދި ގަދަ ކަނޑުގައި ދިގު ދަތުރުތައް ކުރާތީ އުނަގަނޑުގައި ރިއްސާ ކަމަށް އޭނާ ބުންޏެވެ.

ލަމްހާއާ ދެކޮޅަށް ގިނަ ހެކިތަކެއް ދައުލަތުން ހުށަހެޅި އެވެ. އެއީ 110 ހެކިންނެވެ. ލަމްހާގެ ފަރާތުން 11 ވެސް ހެކި ހުށަހެޅި އެވެ. އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.

ލަމްހާގެ ބަންދު ދެމެހެއްޓުމާ މެދު އިތުރަށް ވާހަކަ ދައްކަން ދައުލަތުން ބޭނުންވާތީ އަނެއްކާވެސް އެކަމާ މެދު ގޮތެއް ނިންމުން ފަސްކުރަން ގާޒީ ނިންމެވި އެވެ. އެ ބައި ދެން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ.