ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް މީހާ ކަމަށް ބުނެ އެމެރިކާގެ އެފްބީއައިއާ ގުޅިގެން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
މިދިޔަ ޖެނުއަރީ މަހު މާލެއިން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު އަތުލައިގަތީ އެފްބީއައި އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެންނެވެ. އައިއެސްގެ ދީނީ ހަރުކަށި ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ހޫދުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރެ އެވެ.
ހޫދުގެ ޝަރީއަތް މިއަދު ފެށިޔަސް، ލިޔުންތައް އަދި ހަމަނުވާތީ މިއަދުގެ އަޑުއެހުން އިތުރަކަށް ކުރިއަށް ނުގެންދެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ހޫދު ހުންނާނީ ބަންދުކޮށްފަ އެވެ.
ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ފަސް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 34 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.
އައިއެސް ޖަމާއަތަކީ ރާއްޖެއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހޫދު މުޙައްމަދު ޒާހިރުއާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!