މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ޙާލަތުގައި ހުރި ޤައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިޔަށްގެންދަނީ މިމަހުގެ 16 އިން 17އަށް ރާއްޖޭގައެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި އަހަރުގެ ނޮވެންބަރު މަހުގައި ޝަރްމުއްޝައިޚްގައި އޮންނަ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުން ތައްޔާރުވާއިރު ޕެރިހާއި ގްލާސްގޯގައި ވެފައިވާ ވަޢުދުތައް ތަންފީޒުކުރެވި، ސިޔާސަތުތަކަކަށް ބަދަލުކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޑެޕްޓޭޝަނަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މުހިންމުކަމަށެވެ.
ދިވެހިން ކުރަމުން އަންނަ މަސްވެރިކަމާއި އެނޫންވެސް މަސައްކަތްތައް ކުރުމުގައި އެމީހުންގެ ޤައުމުގައި ޤާއިމުވެ ތިބެން ބޭނުންވާކަމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމަށް ވިދާޅުވިއެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަމާއި ބޭނުންވާ ޓެކްނޮލޮޖީ ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމާއި ދެމެހެއްޓެނިވި ތަރައްޤީއާ ތަފާތުކުރުންތައް ކުޑަކުރުމަށް މަގުފަހިވާގޮތަށް ވިލުންތެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވިގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ޙާލަތުގައި ހުރި ޤައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ނުކުރެވޭނެ ބޮޑު ގެއްލުމެކެވެ.
މިގޮތުން ދުނިޔޭގެ ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ފުރުޞަތުވެސް، ފިޔަވަޅުތައް ނާޅައި ތިބެފިނަމަ، ކުރިޔަށްއޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިޔަށްގެންދަނީ މިމަހުގެ 16 އިން 17އަށް ރާއްޖޭގައެވެ. ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަން ކުޑަކުރުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޕެރިސް އެގްރީމަންޓުގެ މުހިންމު އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!