ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކުރަން ދޫކުރި ބިންތަކުގެ ތެރެއިން 3 ބިމެއްގައި މަސައްކަތް ފަށައިފިއެވެ.

އެ ރަށުގައި ގެސްޓްހައުސް ތަރައްގީ ކުރަން ދޫކޮށްފައި ވަނީ 7 ބިމެކެވެ. އެ ބިންތައް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތަކެކެވެ.

Ad
rt

ހޯރަފުށީ ކައުންސިލުން ވިދާޅުވީ އެ ބިންތަކުންކުރެ 3 ބިމެއްގައި އިއްޔެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިއްޔެ އަކީ މީ ހާއުފަވެރި ކަމެއް ލިބުނު ދުވަހެއް ކަމަށް ކައުންސިލުން ވިދާޅުވެފަވެއެވެ.

ހޯރަފުށިން ގެސްޓްހައުސް ތަރައްގީކޮށް ހިންގަން އަލަށް ދޫކުރުވުނު މި ބިންތަކުގައި ގެސްޓްހައުސް ތަރައްގީވެގެން ދިޔުމުން އެރަށުގައި ފަތުރުވެރިކަމަށް ޚާއްޞަ 300 އެއްހާ އެނދު ހުންނާނެކަމަށް ކައުންސިލުން ލަފާކުރަށްވައެވެ.

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް 19 ނޮވެމްބަރު 2020 ގައި ހުޅުވާފައި ވަނީ ހޯރަފުށީގައެވެ. ސަރަޙައްދީ އެއަރޕޯޓްތައް ސެޓިފައި ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ސެޓިފައިކުރި އެއަރޕޯޓަކަށް ހޯރަފުށީ އެއަރޕޯޓްވެގެން ގޮސްފައިވާއިރު، އެ އެއާޕޯޓާއެކު އެރަށާއި، ސަރަހައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް އައިސް ސީދާ ރައްޔިތުންނަށް ލިބޭ ނަފާވެރިކަން އިތުރުވެގެން ދިޔުމަކީ ހޯރަފުއްޓާއި، އެ ސަރަހައްދުގެ ރައްތަކުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.

ހޯރަފުށިގައި މިވަގުތު ވެސް 3 ގެސްޓްހައުސްގެ ޚިދުމަތް ލިބެންހުރެއެވެ.