ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު" އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ.

ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އޮންނަ ނޮޅީވަރަމް އާއި ނޮޅިވަރަމްފަރެވެ. މި ދާއިރާގައި އެންމެ ދެރަށް އޮންނައިރު، ދެ ރަށުގެ ނަންވެސް މާބޮޑަށް އެއްގޮތް ކަމުން އެންމެ ބޮޑަށް ދިމާވާ މައްސަލައެއްގެ ގޮތުގައި ނަޝީދު ފާހަގަކުރީ އެ ދެރަށަކީވެސް އެއްރަށެއްގެ ގޮތުގައި ގިނަބަޔަކަށް ހީވަމުން ދިޔުމެވެ. ދެ ރަށުގެ ނަން ދެރަށެއްގެ ގޮތުގައި މީހުންނަށް ވަކިކުރަން ނޭނގުމެވެ.

Ad
rt

"އަޅުގަނޑުމެން ދާއިރާގައިވެސް މި އޮންނަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާ. މިގޮތަށް އޮންނާތީ ބައެއް މީހުންނަށް އެބަހުރި އެއީ ދެރަށް ކަމެއް ނޫނީ އެއް ރަށް ކަމެއްވެސް ނޭނގޭ ހާލަތްތައް އައިސްފަ"

މޮސްޓާގެ ކަންބޮޑުވުންތައް ފާޅު ކުރައްވަމުން ވިދާޅުވިއެވެ.

މި ކަންބޮޑުވުންތައް ނޮޅިވަރަމް ދާއިރާގެ މެމްބަރު މަޖިލިސްތަޅުމަށް އޮއްސާލުމާއިއެކު ވަގުތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވަނީ ދިވެހި ތާރީޚުގެ ސޮފުޙާތަކުގެ އިތުރުން ދުނިޔޭގެ ބަޔެއް އެހެން ބަސްބަހުގެ ތާރީޚީ ސޮފުޙާތަކުގެ ތެރެއިން ތަފާތު ތާރީޚީ ފަރުވާއެއް ހޯއްދަވައި ދެއްވާފައެވެ. މަޖިލީހުގެ ރައީސް ނަޝީދަކީ ދިވެހި ތާރީޚުގެ ވަރަށްގިނަ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވަތީ ކުއްލި އަކަށް ނަމަވެސް އެ ތާރީޚީ ފަރުވާ އެމަނިކުފާނު ދެއްވީ ވަރަށް ފަރިތަކަމާއެކުގައެވެ. ދެމެމްބަރުންގެ ކަންބޮޑުވުންތައް އަންނަން ދިމާވި ސަބަބާއި، އެކަމުގެ ޙައްލުވެސް އެމަނިކުފާނު ވިދާޅުވެދެއްވީ ވަރަށް ފުރިހަމަ ތާރީޚީ މައުލޫމާތު ތަކާވެސް އެކުގައެވެ.

މޮސްޓާގެ ދާއިރާއިން މިސާލު ނަންގަވައި އޭނާ ފާޅުކުރެއްވި ކަންބޮޑުވުންތައް އަންނަން މެދުވެރިވި ސަބަބާއި އެކަމުގައި ހޯދިދާނެ ޙައްލު ދެން ވިދާޅުވީ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދެވެ. މޮސްޓާގެ ވާހަކަ ނިމުމާއެކު މަޖިލީހުގެ ރިޔާސަތަށް ލިބުނު ފުރުޞަތުގެ ބޭނުން ހިއްޕަވައި މަޖިލީހުގެ ރައީސް އެންމެ ފުރަތަމަ ވިދާޅުވެދެއްވީ ނޮޅިވަރަމް ދާއިރާއަށް އެ މައްސަލަ ކުރިމަތިވި ހަގީގީ ސަބަބު ކަމަށް ދިވެހިރާއްޖޭގެ ތާރީޚާއި އަދި ބަޔެއް އެހެން ގައުމުތަކުގެ ތާރީޚީ ފަތްފުށްތަކުންވެސް ފެންނަން އޮތް ގޮތެވެ. ރަށްރަށާއި ތަންތަނަށް ދިވެހިން ނަން ކިޔައި އުޅުމުގައި ބޭރުގެ ބަސްބަހާ ގުޅި ލާމެހިފައިވާ މިންވަރުވެސް ވިދާޅުވެ ދެއްވިއެވެ. ދިވެހި ބަސް އުފެދިގެން އައިރު ދިވެހި ބަހުގެ ތެރެއަށް ބޭރުގެ ބަސްބަހުގެ ނުފޫޒު ވަދެފައި އޮތް މިންވަރުވެސް ސާފުކޮށް ދެއްވިއެވެ. ވީމާ ނޮޅިވަރަމް އާއި ނޮޅިވަރަމްފަރުގެ ނަން އައީ ކޮންބަހަކުން ކަމާއި، އެ ދެ ރަށުގެ ނަން އެއްބަހަކަށް ހަދަން ބޭނުމިއްޔާ ދެން އަމަލު ކުރަން އޮތް ހަމައެކަނި ގޮތްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން، ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް. އަޅުގަނޑުމެނަށް އެ ދެނަން ނޮޅިވަރަމާއި ގުޅިގެން ދިރާސާތަކުން މިހާތަނަށް ފެނިފައި މިއޮތީ، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހި ބަހަކީ ފެންނަހެން އަރަބީގެވެސް ފާރިޝީއާއި ޕަސްތުއާ. ދެން އަޅުގަނޑުމެނަށް ވަރަށް ގިނަ ބަސްބަސް ހިމެނިގެން ދިވެހި ބަސް ލިބިފައި މިއޮތީ. ޚާއްޞަ ގޮތެއްގައި އިއްޒަތްތެރި މެންބަރުގެ ދާއިރާއަށް ނޮޅިވަރަމްޕަރަމް އާއި، ނާޅިވަރަމް. ދެރަށް އެއީ ހަމަ ކަނޑައެޅިގެން. އެހެންނަމަވެސް ޑްރެވީޑިއަން ބަހުން އަޅުގަނޑުމެނަށް ލިބިފައިވާ ދެނަން އެއީ. ދެން އަޅުގަނޑުމެން އެ އެއްބަހަކަށް ހަދަންޏާ އަޅުގަނޑުމެން ދާންޖެހޭނީ ދެކުނު އިންޑިއާގެ ތަންތަނަށް، ނަންނަމަށް، ބަސްބަހަށް، އަދި ޑްރެވީޑިއަން އެކިއެކި ބަސްބަހުގެ އޭގެ އަސްލަށް އަޅުގަނޑުމެން ދާންޖެހޭނީ"

މެމްބަރު ނަޝީދުގެ ދާއިރާއަށް ކުރިމަތިވި ކަންބޮޑުންތަކަށް ތާރީޚީ ފަރުވާއެއް ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.