ބޮޑެތި ބަދަލުތައް ގެނެސް އައު އިސްލާހް ތަކާއެކު ދިވެހި ބަހުގެ އެކަޑަމީން، ދިވެހި ބަހުގެ ރަދީފްގެ އައު އެޕެއް މިރޭ ލޯންޗްކޮށްފިއެވެ.
މި އެޕް ލޯންޗްކޮށްފައި ވަނީ މިރޭ ކުރިއަށް ދިޔަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފެށުމާއި، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާގައެވެ.
މި އެޕް ލޯންޗްކޮށް ދެއްވީ، ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނެވެ.
މި އެޕްގައި ރަދީފުގެ ތަޢާރަފުގައި ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެފައިވާ ގޮތުގައި މިއީ 2016 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ނެރުނު ބަސް ސީޑިއާއި، 2011 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީގެ ދަށުގައި ތާރީޚުގެ ބައި އޮތް އިރު ނެރުއްވި ދިވެހި ބަސްފޮތުގައި ހިމެނޭ ލަފުޒުތައް ހިމަނައިގެން "ބަސްދާރު"ގެ ނަމުގައި ޑޭޓާބޭހެއް އުފައްދައި، އެ ޑޭޓާބޭހުގެ އެހީތެރިކަމާއެކު، ކުރިން ނެރެފައިވާ ބަސްފޮތަށް ބޮޑެތި ބަދަލުތައް ގެނެސް އައު އިސްލާހުތަކާއެކު ނެރެފައިވާ "ދިވެހިބަހުގެ ރަދީފު" އެއް ކަމަށެވެ.
މި އެޕްގައި ވަނީ ރަދީފްގައި ހިމެނިފައިނެތް އަދި ރަދީފްގައި އޮންނާންޖެހޭކަން ފާހަގަ ކުރެވޭ އާންމު ލަފްޒުތައް ހުށަހެޅޭނެ އިންތިޒާމް ވެސް ހަމަޖައްސައި، އެކަމަށް ބައެއް ޚާއްޞަކޮށްފައެވެ. އަދި އައު ލަފުޒުތައް އާންމު ކުރުމުންނާއި، ބަހުގެ އެކަޑަމީގެ މެސެޖެއް އާންމު ކުރުމުން ސަމާލު ލިބޭނެ އިންތިޒާމް ވެސް މި އެޕްގައި ހަމަޖައްސާފައި ވެއެވެ.

މި އެޕްގައި ކޮންމެ ދުވަހަކަށް ދުވަހުގެ އަދަބީ ބަހުގެ ގޮތުގައި އަދަބީ ބަހެއް ފެންނަ ގޮތައް ހަދާފައިވާއިރު، ދުވަހުގެ ދިވެހި - އިނގިރޭސި ލަފުޒު ފެންނަ ގޮތް ވެސް ހަދާފައި ވެއެވެ.
މި އެޕްގަައި 36،597 ލަފްޛު ހިމެނެއެވެ. އަދި މިލަފްޛްތަކުގެ މާނައިގެ ގޮތުގައި 53،000 މާނަ ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!