ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އިއުލާނުކުރައްވައިފިއެވެ.
އެކަން ޢިއުލާން ކުރެއްވުމަށް ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވިކަން ރައީސް ޢިއުލާން ކުރެއްވުމަށްފަހު އެކަމުގެ ތަފްޞީލްތައް ހާމަކުރުމަށް ރައީސް އޮފީހުގައި މިހާރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ފަށާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ތަފްޞީލް ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ، ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގނަޑަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބަދަލުގެންނަވާފައިވާއިރު ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، މުދައްރިސުންނާއި މިނޫންވެސް އެ ދާއިރާގެ މަޤާމްތައް އިތުރަށް ގިންތި ކުރެވިފައިވާ ކަމަށެވެ.
މިގޮތުން ޕްރިންސިޕަލުން ވަނީ 3 ރޭންކަކަށް ބަހާފައެވެ. މިހާރު ރާއްޖޭގައި 175 ޕްރިންސިޕަލަކު ތިއްބެވިއިރު، ރޭންކް 1 ގައި 712 ޕްރިންސިޕަލަކު އެބަތިއްބެވިއެވެ. އެ ބޭފުޅުންނަށް ކުރިން މުސާރައާއި އިނާޔަތުގެ ގޮތުގައި ގެއަށް ގެންދަން ލިބިވަޑައިގަންނީ އެވްރެޖްކޮށް މަހަކު 16،796 ރުފިޔާ ނަމަވެސް މިބަދަލާއެކު 30،610 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މިއީ 82 އިންސައްތައިގެ ކުރިއެރުމެކެވެ. ރޭންކް 2 ގައި 48 ޕްރިންސިޕަލަކު އެބަތިއްބެވިއެވެ. އެބޭފުޅުންނަށް ކުރިން ގެއަށް ގެންދަން އެވްރެޖްކޮށް ލިބިވަޑައިގަންނަވަނީ 20،698 ރުފިޔާ ނަމަވެސް މިބަދަލާއެކު 33،075 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 59 އިންސައްތައިގެ ކުރިއެރުމެކެވެ. ރޭންކް 3 ގައި މިވަގުތު ޕްރިންސިޕަލަކު ނެތް ނަމަވެސް ކުރިމަގުގައި އެ ރޭންކަށް ޕްރޮމޯޓް ވުމުގެ ފުރުޞަޠު ޕްރިންސިޕަލުންނަށް ހުޅުވިފައިވާއިރު އެ ރޭންކްގެ ޖުމްލަ މުސާރައާއި އިނާޔަތް 35،542 ރުފިޔާއަށް އަރައެވެ. މިބަދަލާއެކު ބަޖެޓަށް އަހަރަކަށް 31 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ.
ޑެޕިއުޓީ ޕްރިންސިޕަލުން ވެސް ވަނީ 3 ރޭންކްއަކަށް ބަހާފައެވެ. މިވަގުތު ރާއްޖޭގައި ތިއްބެވީ 49 ޑެޕިއުޓީ ޕްރިންސިޕަލުންނެވެ. ރޭންކް 1 ގައި 5 ޑެޕިއުޓީ ޕްރިންސިޕަލުން ތިއްބެވިއިރު އެ ބޭފުޅުންނަށް ކުރިން މުސާރައާއި އިނާޔަތުގެ ގޮތުގައި ގެއަށް ގެންދަން ލިބިވަޑައިގަންނީ އެވްރެޖްކޮށް މަހަކު 13،079 ރުފިޔާއެވެ. މިބަދަލާއެކު 23،240 ލިބިވަޑައިގަންނަވާނެއެވެ. މިއީ 78 އިންސައްތަ ކުރިއެރުމެކެވެ. ރޭންކް 4 ގައި ތިއްބެވީ 44 ޑެޕިއުޓީ ޕްރިންސިޕަލުންނެވެ. އެ ބޭފުޅުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ގެއަށް ގެންދަން ކުރިން ލިބިވަޑައިގަންނީ 16،830 ރުފިޔާއެވެ. ނަމަވެސް މި ބަދަލާއެކު މި އަދަދު 26،023 ރުފިޔާއަށް ބަދަލުވެގެން ދާނެއެވެ. ރޭންކް 3 ގައި މިވަގުތު ޑެޕިއުޓީ ޕްރިންސިޕް އަކަކު ނެތެވެ. މިބަދަލާއެކު ބަޖެޓަށް އަހަރަކަށް 4.4 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ.
ރާއްޖޭގައި މިވަގުތު 6815 މުދައްރިސުން ތިއްބެވި އިރު އައު ބަދަލާއެކު މުދައްރިސުން 5 ރޭންކް އަކަށް ބަހާފައެވެ. މިވަގުތު ރޭންކް 1 ގައި 1799 މުދައްރިސަކު އެބަތިއްބެވިއެވެ. އެ ބޭފުޅުންނަށް ކުރިން މުސާރައާއި އިނާޔަތުގެ ގޮތުގައި ގެއަށް ގެންދަން ލިބިވަޑައިގަންނީ އެވްރެޖްކޮށް މަހަކު 10،889 ނަމަވެސް މިހާރު 13،266 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މިއީ 22 އިންސައްތަ ކުރިއެރުމެކެވެ. ރޭންކް 2 ގައި 2845 މުދައްރިސަކު އެބަ ތިއްބެވިއެވެ. އެ ބޭފުޅުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ގެއަށް ގެންދަން ކުރިން ލިބިވަޑައިގަންނީ 13،008 ރުފިޔާ ނަމަވެސް މިބަދަލާއެކު 19،467 އަށް ޢަދަދު ބޮޑުވެގެން ދާނެއެވެ. މިއީ 50 އިންސައްތަ ކުރިއެރުމެކެވެ. ރޭންކް 4 އަދި 5 ގައި މިވަގުތު އެއްވެސް މުދައްރިސަކު ނެތެވެ. ކުރިމަގުގައި މި ރޭންކް ތަކަށް މުދައްރިސުން ޕްރޮމޯޓް ވެގެންދާއިރު، ރޭންކް 4 މުސާރައާއި އިނާޔަތުގެ ގޮތުގައި ގެއަށް ގެންދަން 23،277 ރުފިޔާ އަދި ރޭންކް 5 އަށް 25،958 ރުފިޔާ ލިބޭނެއެވެ. މިބަދަލާއެކު ބަޖެޓަށް އަހަރަކަށް 408 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ.
މީގެ އިތުރުން ލީޑިން ޓީޗަރުންނަށް ކުރިން ދެމުން އައި ލީޑިން ޓީޗާރސް އެލަވަންސް 1000 ރުފިޔާއިން 2000 ރުފިޔާއަށް ބޮޑު ކުރަން ވެސް ވަނީ ނިންމާފައެވެ. މިބަދަލާއެކު ބަޖެޓަށް އަހަރަކަށް 11 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!