ހދ.ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރު މުބާރާތުގައި ބޮޑެތި މީހުންނަށް ހާއްސަކުރާ ބައިގައި އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭއިރު، ކުޑަކުދިންނަށް ހާއްސަކުރާ ބައިގަ ވެސް އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނެއެވެ.

Ad
rt

ކެތިއަރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް މިހާރު ކުރިއަށް ގެންދިޔުމަށް ތާވަލު ކުރެވިފައި ވަނީ ރަމަޟާން މަހަށް ފަހު އަންނަ ފިތުރު ޢީދު ދުވަހާއި ވަޅު ޢީދު ދުވަހުއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް ކެތިއަރާއިން މި އަހަރު ކުޑަކުދިންގެ ކެޓަގަރީ ތަޢާރަފް ކޮށްފައިވާއިރު، މި ކެޓަގަރީއަށް ދީފައިވާ ނަމަކީ ރަޅޮވަޑޮ އެވެ. މި ކެޓަގަރީގެ ޓީމް ލިސްޓްގައި ހަތަރު ކެޔޮޅުން ހިމަނަން ފުރުޞަތު ދީފައިވާއިރު، އުމުރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 14 އަހަރާއި 7 އަހަރާއި ދެމެދެވެ. މި ކެޓަގަރީގެ ކެޔޮޅުން މަސްބާނަން ކަނޑައޅާފައި ވަނީ، މަސް ރޭސް ބާއްވަން ތާވަލުކުރާ ދުވަހުގެ ހަވީރު 1630 އުން 1730 އަށް ހަނިމާދޫ ގޮނޑު ދޮށުންނެވެ. އެން އަޅުވައިގެންނާއި، ޕޮޕަރާއި ކުދި މަސްބުރި މަސްވެރިކަމުގައި ބޭނުން ކުރުން މި ކެޓަގަރީއަށް ވަނީ ހުއްދަ ކޮށްފައެވެ.

ކެތިއަރާ މަސްރޭހުގެ ބޮޑެތި މީހުންގެ ކެޓަގަރީގެ ޤަވައިދުގައި މިފަހަރު ވަނީ މަސްވެރިކަމުގައި ޖިގް ކުރުމާއި ޕޮޕް ކުރުން މަނާކޮށްފައެވެ. މީގެ އިތުރުން ދިރޭ އެންޖަހައިގެންނާއި ދިއްލައިގެން އެން އަރުވައިގެން މަސްވެރިކަން ކުރުމަކީ ވެސް މަނާކަމެކެވެ.

މުބާރާތުގެ އެއްވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ ބާނާ މަހުގެ ޖުމްލަ ބަރުދަނަށް ބަލައިގެންނެވެ. އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، ދެ ޓީމަކުން ބާނާ މަހުގެ ބަރުދަން އެއްވަރު ވެއްޖެނަމަ، ބެލުމަށް ހަމަޖެހިފައި ވަނީ އެ ދެ ޓީމްގެ ތެރެއިން މަސްބާނައިގެން މަސްކިރާ މާލަމަށް އެންމެ އަވަހަށް ހާޟިރުވީ ޓީމެކެވެ.

މި މުބާރާތުގައި އެންމެ ބޮޑު މަސްބާނާ ފަރާތާއި އެންމެ ގިނަ މަސްބާނާ ފަރާތް ހޮވުމުގެ އިތުރުން ސަޕްރައިޒިން ވަނައެއް ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޯމާއިއެކު 500 ރުފިޔާ ދައްކަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް ފުރަން ޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު 28 އޭޕްރިލް 2022 ވަނަ ދުވަހުގެ 1800 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް ކެތިއަރާއިން ވަނީ އެދިލައްވާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވާއިދު ކެތިއަރާ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.

އިތުރު މަޢުލޫމާޓު ހޯއްދެވުމަށް ގުޅުވާނީ: 9977908، 7692878، 7456007، 7572743