ދެވަނަ ފަހަރަށް ހުޅުވާލާ ބީލަމުގައި ބުނާ ހަމަތަކާއެއްގޮތަށް ކަންކަން ދާނަމަ ހއ. ދިއްދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ކަމަށް ލަފާކުރެއްވޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެވެ.
މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ، އެކަމާއިގުޅޭގޮތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) ލިޔުމުން ޖަވާބު ހޯދަން ފޮނުއްވާފައިވާ ސުވާލަށް ޖަވާބު ގެއްވަމުންނެވެ. އެ ސުވާލަކީ ލިޔުމުން ޖަވާބު ހޯދަން ފޮނުވި ސުވާލެއް ނަމަވެސް މަޖިލީހަށް އެރި "އިދާރީ އޮޅުމަކުން" މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަނީ ހާޒިރުކޮށްފައެވެ.
ވައްޑޭގެ ސުވާލުގައި ވިދާޅުވެފައި ވަނީ، ދިއްދޫގައި އައިސް ޕްލާންޓެއް ޤާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވަޢުދުވެވަޑައިގެންފައި ކަމަށެވެ. އަދި އެއާ ގޮތަށް، 2021 ސެޕްޓެމްބަރު 8 ވަނަ ދުވަހު، ސަޢޫދީ ފަންޑުގެ އެހީގައި ދިއްދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުންވަނީ އިޢުލާންކުރައްވާފައި ކަމަށެވެ.
"އެހެންނަމަވެސް، އޭގެ ފަހުން އެ ކަމުގެ އެއްވެސް މަޢުލޫމާތެއް ނުލިބެއެވެ. މިހާރު އެކަން ގޮސްފައިވާ ހިސާބަކީ ކޮބައިތޯ؟ އަދި
އައިސް ޕްލާންޓްގެ ޤާއިމްކުރުމުގެ ޢަމަލީމަސައްކަތްފެށީ އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ލަފާކުރާ ތާރީޚަކީ ކޮބައިތޯ؟" ވައްޑޭ ސުވާލު ކުރަށްވާފަވެއެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ހުސެން ވަނީ ވަރަށް ތަފްޞީލީ ޖަވާބެއް ދެއްވާފައެވެ. އަދި މިހާތަނަށް އެކަން ހިނގާދިޔަގޮތް ތާރީޚް ތަކާއެކު ވިދާޅުވެ ދެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫޢަކީ ސައޫދީ ފަންޑްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢަކަށް ވުމާއެކު، އެ ފަންޑުގެ ހުއްދައާއިއެކު ދިއްދޫގައި އެ އައިސްޕްލާންޓް ގާއިމުކުރުމަށް އެ މަސައްކަތް ކުރާނެ ބަޔެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ ބައިނަލްއަގްވާމީ ބީލަމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އަދި އެ ބީލަމަށް މުއްދަތު ހަމަވީ އެ އަހަރުގެ އޮކްޓޯބަރު 21 ވަނަ ދުވަހު ކަމަށެވެ.
މިނިސްޓަރު ދެއްވި ޖަވާބުގައި ހިމެނޭ މުހިންމުބައިތައް ކުރުކޮށް:
ބީލަމުގެ އުސޫލު ބުނާގޮތުން ކުރިމަތިލާ ފަރާތްތައް ރަޖިސްޓަރީ ވާން ޖެހެއެވެ. މިގޮތުން 4 ފަރާތަކުން ރަޖިސްޓަރީވި ނަމަވެސް، އެ އެއްވެސް ފަރާތަކުން ބީލަން ހުށައެއް ނާޅައެވެ. ބީލަން ހުށަހެޅީ ރަޖިސްޓަރީ ނުވާ ފަރާތަކުންނެވެ. އެހެންވެ އެފަރާތުގެ ބީލަން ބާތިލް ކުރީއެވެ.
އެ މަޝްރޫޢު ދެވަނަ ފަހަރަށް ބީލަމަށް ލުމަށް ސައުދީ ފަންޑުގެ ހުއްދައަށް އެދިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ދެވަނަ ފަހަރަށް ބީލަމަށް ލުމުގައި ކުރީފަހަރުގެ ތަޖުރިބާގެ އަލީގައި ވަނީ ބީލަމަށް ކުރިމަތިލެވޭ ޝަރުޠުތަަކަށް ލުއި ދީފައެވެ. އެ ލުއި ދިން އެއް ސަބަބަކީ ދިވެހި ކުންފުނިތަކަށް ވެސް ކުރިމަތިލުމުގެ ފުރުޞަޠު ބޮޑުކޮށް ދިނުމާއިއެކު، އެ މަސައްކަތް ކުރެވޭނެ ފަރާތެއް ހޯދުމެވެ.
މިގޮތުން ކުރިމަތިލާ ފަރާތުގެ މާލީ ގާބިލުކަމުގެ ޝަރުޠާއި، މަސައްކަތުގެ ތަޖުރިބާގެ ޝަރުޠައް ވަނީ ލުއި ދީފައެވެ. އަދި ބީލަން ހުށަހަޅަންޖެހޭ މުއްދަތު 6 މަހުން 8 މަހަށް ވެސް ވަނީ އިތުރުކޮށްފައެވެ. މި ބަދަލުތައް ގެންނަން ސައޫދީ ފަންޑުން ހުއްދަ ދިނީ 21 ފެބްރުއަރީ 2022 ގައެވެ. ނަމަވެސް މިކަން ރަސްމީކޮށް އެންގީ 21 މާރިޗްގައެވެ.
ބީލަން ހުށަހަޅުމަށް ބީލަން ކަރުދާހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަލުން ބީލަމަށް ލުމަށް ސައުދީ ފަންޑުގެ ހުއްދައަށް އެދި ފޮނުވާ ފައިވަނީ 5 އޭޕްރިލް ގައެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ދެވަނަ ފަހަރަށް ބީލަމަށް ލެވޭނީ ސައޫދީ ފަންޑްގެ ހުއްދަ ލިބުމުންނެވެ. އަދި އެ ހުއްދަ ލިބޭނީ މި ހިނގާ އޭޕްރީލް މަހުގެ 3 ވަނަ ހަފްތާ ތެރޭކަމަށް އަންދާޒާ ކުރެއްވޭކަމަށާއި، އަދި އެ ހަފުތާތެރޭ ބީލަމަށް އަލުން ހުޅުވާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބީލަން ހުޅުވާލުމަށްފަހު ބީލަން ހުށަހެޅުމަށް 1 މަހާއި 30 ދުވަސް ދީފައިވާއިރު، ބީލަންތައް ލިބި ހުޅުވޭނީ 2022ގެ މެއި މަހުގެ ފަހު ހަފުތާގައި، ބީލަމަށް ހުޅުވާލުމުން ބޭނުންވާ އަދަދަށް ޞައްޙަ ބީލަން ހުށަހަޅާފައި ވާނަމަ ބީލަންތަކުގެ އިވަލުއޭޝަންއަށް މަދުވެގެން 15 ދުވަސް ނަގާނެކަމަށް ބެލޭ، ބީލަން ކާމިޔާބު ކުރާފަރާތާއެކު އެހެންވީމަ އެއްބަސްވުމުގައި ސޮއި ކުރެވޭނީ 2022 ޖޫން މަހުގެ 2 ވަނަ ހަފްތާގައި ކަމަށް ބެލެވޭ، އައިސްޕްލާންޓް ގާއިމުކޮށް ޚިދުމަތް ދެވޭނީ ސޮއިކުރާތާ 8 މަސް ދުވަސް ފަހުން، އެއީ މާރިޗް 2023 ގައި ކަމަށް ލަފާކުރެވޭ" ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!