އަންހެނުންގެ ދުވަހާއި ގުޅިގެން ށ . ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދާ "ދަންދާނަ ބާޒާރު" ސިލްސިލާގެ ތިން ވަނަ ބާޒާރު، "ދަންދާނަ 3" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
މިފަހަރުގެ ބާޒާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ، މިފަހަރުގެ ދަންދާނަ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކާބޯތަކެތީގެ މައުރަޒެއްގެ ގޮތުގައި ކަމަށެވެ. މިމައުރަޒު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނު 10:00 ގައި އެރަށު ކައުންސިލް އިދާރާ ކައިރީ އޮންނަ ހުސް ބިމުގައެވެ.
އެގޮތުން މިމައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެކޮމިޓީއިން މިހާރު ވަނީ ހުޅުވާލާފައެވެ. ބައިވެރިވެވޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވާ ހުކުރު ދުވަހުގެ 14:00 އެވެ. ބައިވެރިވުމަށް އެފަރާތެއްގެ ނަމާއި، އުމުރު، އައިޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ އެއް ޖެއްސެވުމަށްފަހު (9661886) މި ނަންބަރ އަށް މެސެޖްއެއް ކޮށްލެއްވުމުން ބައިވެރިވެލެއްވޭނެއެވެ.
އެއް ދުވަހުގެ ނިޔަލަށް ޕްރޮގްރާމް ކުރިއަށް ކަނޑައަޅާފައި ވީނަމަވެސް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބޭނަމަ މުއްދަތު އިތުރު ކުރާނެ ކަމަށް އެކޮމިޓީއިން ވަނީ ވިދާޅުވެފައެވެ. އަދި މީގެ ކުރީގެ ދަންދާނަ ޕްރޮގްރާމަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފަރުޒާނާ ފާހަގަ ކުރެއްވިއެވެ.
މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި އެކޮމިޓީއިން ވިދާޅުވެފައިވަނީ ރަށުގެ ކަނބަލުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދާނެ މަގެއް ތަނަވަސް ކޮށްދިނުން ކަމަށެވެ. އަދި ކޯވިޑްގެ ހާލަތާއި ގުޅިގެން އަންހެނުން ދުވަސް ފާހަގަ ކުރުމަށް ކުޅިވަރުތަކެއް ކުރިއަށް ގެންދެވެން ނެތުމުން މިފަދަ ޕްރޮގްރާމެއް މެދުވެރިކޮށް އެދުވަސް ފާހަގަ ކުރުމަކީވެސް މި ޕްރޮގްރާމްގެ މަގުސަދެއް ކަމުގައި އެކޮމިޓީއިން ވަނީ ވިދާޅުވެފައެވެ.
އެކޮމިޓީއިން ވަނީ މިފަދަ ހަރަކާތްތަކަށް ރަށު ކައުންސިލުންނާއި ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މީގެއިތުރުންވެސް އެކޮމިޓިގެ ފަރާތުން ސްކޫލް ކުދިން އަދި އާއްމުންނަށް ހުޅުވާލާއިގެން ޤާރީ ކޯހަކާއި އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކަސްރަތު ޕްރޮގްރާމެއް މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!