ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް މިހާރު މިއޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241) ގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިހާރު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސްވެއޮވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ލިބޭ ގެއްލުން ބެލުމުގެ މަސައްކަތް ފަށާފައެވެ.

މިގޮތުން އެ ކޮމިޓީގެ އެދިވަޑައިގަތުމަށް، އެ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމަށް ސިފައިންގެ އިސްވެރިންނާއެކު ޙާޟިރުވެވަޑައިގެން، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ އެ ކެމްޕޭނަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް ސިފަކުރަށްވާފައެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަޙައްދީ ޤައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަޙައްދީ ސަލާމަތީ މަޞްރަޙަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރަށްވާފައެވެ.

އަދި އެ ކެމްޕޭންގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިފާޢީ ވަޒީރުގެ ޙައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށްކަމަށް ވެސް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީނު ލީޑުކުރަށްވާ އިދިކޮޅު ހަރަކާތުން ހިންގާ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން އިއްތިފާޤުވެވަޑައިގަންނަވާކަން ފާހަގަކުރައްވައި، މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން މިނިސްޓަރު މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.