ދިވެހި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު، އެކަމުން އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށް މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައި، އެ ކެމެރާތައް ބޭނުންކުރަން ފެށީ އިއްޔެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޒަމާނީ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ހެދުމަށް، އެ މުއައްސަސާ މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން އެއީ ޒަމާނީ ދުނިޔޭގައި ކުރެެވެމުންދާ މުހިންމު އެއް މަސައްކަތްކަމަށެވެ.

Ad
rt

ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ވަރަށް އިސްކަމެއް ދެއްވައިގެން ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓެޖީގެ ތެރޭގައި ހިމަނައިގެން އެކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި އެކަމަށް ބޭނުންވާ ފުރިހަމަ ތަމްރީނު ހޯއްދަވައި މި މަސައްކަތް ފަށައިގަތުމުން އެނގިގެންދަނީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވަމުންދާ މުއައްސަސާއެއްކަމުގައި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މިފަދަ މުހިންމު ޕްރޮޖެކްޓެއް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިގަތް ހިނދު އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށެވެ.

ފުލުހުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފުލުހުންނަށް ދެވޭ ތަމްރީނުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފުލުހުންގެ އިސް ސަފުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރު އިމްރާން ވަނީ ފާހަގަ ކުރަށްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށިއިރު، ފުލުހުން މިވަގުތު ބޭނުން ކުރާނީ 200 ކެމެރާ އެވެ. އެ ކެމެރާތައް ބޭނުންކުރަން ފަށައިފައިވަނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީގައެވެ.