ހއ.ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަންގެ ފަރާތުން އެ ރަށުގައި ހުންނަ ޣާޒީ މުޙައްމަދު ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

އެ ފައުންޑޭޝަނުން މިއަދު ވަނީ އެ ޕްރީސްކޫލަށް ލެޕްޓޮޕަކާއި ޕްރިންޓަރެއް ހަދިޔާކޮށްފައެވެ. ދިއްގާ ފައުންޑޭޝަންގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވާފައި ވަނީ ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަޙުމަދު ތަލްހަތާއި އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ އާޒިމް މުޙައްމަދުގެ އިތުރުން ސްޕޯކްސްޕާސަން މަރިޔަމް ޝަފާޒާއެވެ.

Ad
rt

ޕްރީސްކޫލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެފައި ވަނީ އެ ސްކޫލުގެ ޓީޗަރުންނާއި ދިއްދޫ ކައުންސިލްގެ ބައެއް މެމްބަރުންނެވެ

ދިއްގާ ފައުންޑޭޝަންގެ ޗެއާޕާޝަން އަލީ ޝައުކަތު "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މަދަރުސަތުލް ޣާޒީ މުޙައްމަދު ޕްރީސްކޫލަށް އެހީތެރިކަން ފޯރު ކޮށްދިނުމަކީ މި އަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. މި އަހަރުގެ ކުރިއަށް އޮތްތާގައި ދިއްގާ ފައުންޑޭޝަނުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިއްގާ ފައުނޑޭޝަން ނިސްބަތްވަނީ ދިއްދޫ ދިއްގާގަސްދޮށުގެއަށެވެ. އެ އާއިލާގެ އަހްމަދު އަލީ (ކާފަ) އަދި ފާތިމަތު އާދަމް (މާމަ) ހަނދާނުގައި އެ އާއިލާގެ މެމްބަރުން އަންނަނީ ފައުންޑޭޝަނެއް ރަޖިސްޓަރީކޮށް މުޖުތަމަޢަށް ޚިދުމަތް ކުރަމުންނެވެ.