ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައި، އެ ކެމެރާތައް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއެވެ.

Ad
rt

އެ ރަސްމިއްޔާތުގައި، މިނިސްޓަރު އޮފް ހޯމްއެފެއާޒް ސެއިޚް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމަދު ޙަމީދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި އަދި ކޮމިޝަންޑް އޮފިސަރުން ބައިވެފަވެއެވެ.

މި ޕްރޮގްރާމް ފަށައިގަތުމުގައި ފުލުހުން މިވަގުތު ބޭނުން ކުރާނީ 200 ކެމެރާ އެވެ. އެ ކެމެރާތައް ބޭނުންކުރަން ފަށައިފައިވަނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީގައެވެ.

ފޮޓޯ: ޕޮލިސް

އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަަތަށް މިއަދު މި އިތުރުކުރެވޭ އައު ވަސީލަތަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެސްދެވޭނެ ވަސީލަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އެއީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުންކުރަމުންދާ މަސައްކަތަކަށް ލިބިގެންދާ އިތުރު އެހީތެރިކަމެއް ކަމާއި ތަހުގީގުތަކަށް ހެކި ލިބިގަނެވޭނެ އައު ވަސީލަތެއްކަމުގައި ވިދާޅުވިއެވެ.

މިއަދު މި ހިދުމަތް މި ފަށަނީ ހާއްސަ އުސޫލެއް އެކުލަވާލެވި ބޮޑީވޯން ކެމެރާ ބޭނުންކުރާ ފުލުހުން އެކަމަށް ތަމްރީނުކޮށްގެން ކަމުގައި ފާހަގަ ކުރަށްވަމުން، އަދި މިއީ ފުލުހުންގެ ހިދުމަތުގެ ޖަވާބުދާރީވުން ހަރުދަނާ ކުރުމާއި ފުލުހުންގެ މަސައްތަކަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރުމަށް އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖިކަލް ވަސީލަތެއްގެ ބޭނުން ހިފައިގެން ފުލުހުންގެ މަގުސަދުތައް ހާސިލުކުރުމަށް ފުލުހުން ހަރަކާތްތެރިވުންކަމުގައި ވިދާޅުވިއެވެ.

ފޮޓޯ: ޕޮލިސް

ސީޕީ ވިދާޅުވީ، މުސްތަގުބަލުގައި ބޮޑީވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުވުމުގައި މުހިންމު ދައުރެއްއަދާކުރާނެ ވަސީލަތެއް ކަމުގައި ކަމަށެވެ. އަދި އެއީ ފުލުހުންގެ ތަފާތު ގިނަ މަގުސަދުތައް ހާސިލުކުރުމުގައި އެހީތެރިވެދޭނެ އަދި ފުލުހުންގެ ރައްކާތެރިކަމުގައިވެސް މުހިންމު ދައުރެއް އަދާކޮށްދޭނެ ވަސީލަތެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ ފުލުހުންގެ މައްޗަށްކުރެވޭ ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް އިލްޒާމްތަކަށް ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމުގައި އެހީތެރިވެދޭނޭ ވަސީލަތެއްކަމާއި މިހާރު ކަންހިނގާގޮތަށް ބަލާއިރު ފުލުހުން އެޓެންޑުވާ ހާދިސާތަކާއި ސީންތަކުގައި ފުލުހުން ހަރަކާތްތެރިވާގޮތް ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ވައިރަލްކޮށްލުމަކީ ހިނގާކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ފެންނަނީ މަންޒަރުގެ އެއް ފަރާތްކަމާއި ފުލުހުންގެ މީހާގެ ނަޒަރުން، ކަން ހިނގާދިޔަގޮތް ފެންނަށް ނުހުންނަކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުންނާމެދު ކުރެވޭ އަސްލެއް ނެތް ޝަކުވާއާއި، ޖުމްލަކޮށް ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅުކުރުމަށް ބާރުއެޅިގެންދާނެ ކަމާއި ފުލުހުންގެ ފަރާތުން ގޯސްކޮށް ހިނގާ ކަންކަމާމެދު ރައްޔިތުންގެ ޝަކުވާތައް މަދުވެ، ކުރެވޭ ޝަކުވާތައް ތަހުގީގުކުރުމާއި ހަގީގަތް ހޯދުމަށް ޒަމާނީ ފުރިހަމަކަމެއް ގެނެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް މި ވަސީލަތް މުހިންމު ދައުރެއް އަދާކޮށްދޭނެކަމާއި އޭގެ އިތުރުން، ބޮޑީވޯން ކެމެރާގެ ސަބަބުން ރައްޔިތުންނާއި ފުލުހުންނާ ބައްދަލުވާ ބައްދަލުވުންތައް ރަނގަޅުވެ ބޮޑީވޯން ކެމެރާގެ އަލީގައި މައްސަލަތައް ތަހުގީގުކުރުން އަވަސްކުރެވި، ފުލުހުން ހަރަކާތްތެރިވާންޖެހޭ ހާލަތްތަކާގުޅޭ ތަމްރީނުތައް ދިނުމުގައި އަދި ގޮތް ނިންމުމުގެ ހުނަރު އިތުރަށް އަށަގެންނެވުމުގައިވެސް ބޭނުންކުރެވޭނެ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.