•  
  •  
  •  
  •  
  •  
  •  

އެތައް އިލްމުވެރިންނަކާއި އާއްމުންގެ ނުރުހުން އަމާޒުވެފައިވާ އެމްޑީއެންގެ މައްސަލަ ހައްލުކޮށް ކުރިއަށްދާނެ ގޮތެއް ހޯދުމަށް އިސްލާމިކް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި އެމްޑީއެންގެ މެމްބަރުންނަށް މަޖިލީހަށް ވަޑައިގަންނަވަން ދައުވަތު ދީފައިވާނެ ކަމަށް މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ ”ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ“ގެ ދިހަވަނަ ބައި ނެރެދެއްވުމަށް ރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް އަލިއަޅުއްވާލައްވާ ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ދީނީ ކަންކަމަކީ މަޖިލީހުގައި ބަހުސްކޮށްގެން ގޮތެއް ނިންމެއް އޮތް ކަންކަން ނޫންކަމަށެވެ. އަދި ދީނީ މިކަހަލަ މައްސަލަތައް ހައްލު ކުރުމުކީ މަޖިލީހުން ކުރަން އޮންނަ މަސައްކަތެއް ވެސް ނޫން ކަމަށެވެ.

”އަޅުގަނޑު ބޭނުން ދަންނަ ބޭކަލުންނާ ހުރިހާ ބޭފުޅުންވެސް އެކީގައި ތިއްބަވައިގެން، ކޮބައިތޯ މެދުމިނުގެ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ، ރާއްޖޭގައި ހަމަޖެހުން ގެނެވޭނެ، ސާފުސާދާ ގޮތަކީ އެނގެން. އެގޮތަށް އަޅުގަނޑުމެން އަމަލުކުރަން ފެށުން،“

ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އާލާވިޔަނުދޭން މަސައްކަތް ކުރާ ބަޔަކު މި ސައްތައިން ސައްތަ މުސްލިމް ފަސްގަނޑުގައި އުޅޭ ކަމީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

އަދު ދިވެހި ގައުމު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ކަމަށާއި މިއީ ނާޒުކު ދަނޑިވަޅެއް ކަމަށެވެ. އަދި މިއަދު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ދިއުމާއި، ގެއްލުމުގެ ތެރެއަށް ދިއުމުގެ ހަމަހަމަ ފުރުސަތު އޮތްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ މާހައުލާއި ރާއްޖޭގެ އިލްމުވެރިން ނެރޭ ފޮތްތަކާއި އިސްލާމްދީނާއި ގުޅިގެން ދުނިޔޭގައި ނެރޭ ފޮތްތަކަށް އަހުލުވެރިވާންޖެހޭ ކަމަށާއި އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވެސް ދިމާވީ އެ އިލްމަށް އަހުލުވެރިވެފައި ނެތުމުން ކަމަށެެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ނެރެފައިވާ ”ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ރިޕޯޓްގައި ނަފްރަތު އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށް ނަޝީދު ރޭ ވިދާޅުވިއިރު އެމަނިކުފާނު މިހަފްތާގެ ހޯމަ ދުވަހު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރިޕޯޓްގައި އޮތް ހަމައެކަނި މައްސަލައަކީ ރަސޫލާ އަށް ޞަލަވާތް ކިޔާފައި ނެތުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން އެ ރިޕޯޓު ވިދާޅުވި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެ ރިޕޯޓުގެ މައްސަލައިގައި 47 މެމްބަރުން ބަހުސް ކުރެއްވި ކަމަށެވެ. އަދި މެމްބަރުންނަށް ފާހަގަވި މައްސަލައަކީ އެ ރިޕޯޓުގައި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ދޭން ޖެހޭ ގަދަރާއި ކަރާމާތް ނުދިނުމާއި، ބައެއް ބަސްތައް އެ އޮންނަ ހަމައިގެ ތެރެއިން ބޭނުން ނުކުރުން ކަމަށެވެ. އެކަން އެގޮތަށް ވަނީ އެއްވެސް މީހަކު އިސްލާމް ދީން ބަލިކަށި ކުރަން ނުވަތަ އެ ދީނާ މެދު ނަފްރަތު އުފެއްދުމުގައި މަގްސަދުގައި ނޫން ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އިސްލާމް ދީނަށް ނަފުރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް، އަޅުގަނޑުމެންގެ ކުދިން ވެސް އަދި އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓު ލިޔުނު މީހުންވެސް. އެއްވެސް ހާލެއްގައި އެބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނާގައި ކަމަކަށް، އެ ރިޕޯޓު ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު. އިނގިރޭސިބަހުން އެއްޗެއް ލިޔާންވެގެން އުޅެނިކޮށް، ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ އަދި އެއަށްފަހު މިދަންނަވާހެން އެއާ ގުޅިގެން ރާއްޖޭގެ މާހައުލާ، ރާއްޖޭގެ އެކިއެކި އިލްމުވެރިން ނެރޭ ފޮތްތަކާ އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިސްލާމްދީނާ ގުޅޭގޮތުން ނެރޭ ފޮތްތަކާ މިބާވަތުގެ ކަންކަމަށް އަހުލުވެރި ނުވެ، މިބާވަތުގެ ބޮޑު މައްސަލައަކާ ގުޅިގެން ލިޔާން އުޅުނީމާ އެފަދަ ނަތީޖާއެއް ނުކުތުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވުން އެކަށީގެންވާ ކަމެއް،“

ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ރޭ ވަނީ އެމްޑީއެންގެ ރިޕޯޓުގައިވާ ބައެއް ވާހަތަކައް ދިފާއު ކުރައްވައިފައެވެ. އެގޮތުން އެ ރިޕޯޓުގައި ގިނަ އަދަދެއްގެ ދިވެހިން، ޖިހާދުގެ ނަމުގައި އެހެން ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސް މަރުވެފައިވާ ވާހަކަ ތަކުރާރު ކުރެއްވިއެވެ.

”އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އިސްލާމްދީނަށް ނަފްރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް. އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި ރިޕޯޓް ލިޔުނު ކުދިން ވެސް އެއްވެސް ހާލަތެއްގައި އެ ބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު. އެއީ އިނގެރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފައި ހުރި ގޮތެއް، އެއީ ވާގޮތެއް ބައެއް ޔުނިވަރިޓީތަކުގައި ގިނަ ދުވަހު ކިޔަވާފައި،“ ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެން އިން ރާއްޖޭގެ އިސްލާމް ޓެކްސްޓް ފޮތްތަކުގެ މައްޗަށް އެކުލަވައިލި ރިޕޯޓުގައި ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ބައެއް ކަންކަމާމެދު ސުވާކު އުފައްދާފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެހެން ނަމަވެސް އެ މައްސަލައިގައި އެމްޑީއެންއާމެދު ފިޔަވަޅެއް އެޅިކަން ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ