މަސައްކަތް ކުރަށްވަމުން ދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ގޮނޑިއެއް ހޯދަން ނޫންކަމަށާއި، މަސައްކަތް ކުރަށްވަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ހޮވަން ކަަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށް ތާއީދު ހޯދަން އިދިކޮޅު ކޯލިޝަނުން ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ވޭތުވި ދޮޅުމަހެއްހާ ދުވަހު ކުރި މަސައްކަތުގެ ނަތީގެ ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ.

Ad
rt

އެ ނަތީޖާއަކީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި، ދިވެހި ރައްޔިތުން ބޭނުންވާ ނަތީޖާއަށް ހެދުމުގެ ވަގުތު ވަނީ ކުޑަތަންވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަޒުމު ކަނޑައަޅަންވީ ބޭނުންވާ ނަތީޖާ ނެރުމަށް ހިތްވަރާއެކު ކުރިންވެސް މަސައްކަތް ކުރިގޮތަށް ބާކީ އޮތް ހައެއްކަ ދުވަހު ވެސް މަސައްކަތްކުރުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހަޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރާކަށް ހަމަގައިމުވެސް އަޅުގަނޑުމެންނެއް މިވަރަކަށް ކެމްޕޭނެއް ނުކުރަން، ހަމަހަގީގަތުގައި ވެސް، ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން މި ގޮނޑިއަށް ފަތުހީ ކުރިމަތިލެއްވުމާއެކީގައި އަޅުގަނޑުމެންގެ ލީޑަޝިޕް ގްރޫޕްގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ޖެއްސެވި މި ކެމްޕޭންގެ މެނޭޖަރަކީ ތިމަން މަނިކުފާނޭ،" އަދުރޭ ވިދާޅުވިއެވެ.

އެހާހިސާބުން މިއީ އާދައިގެ ގޮނޑިއެއް ނޫންކަން އެނގިވަޑައިގަތްކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުން ދަނީ އެއްގޮތަކަށް ވެސް އެ ކޯލިޝަނަށް ގޮނޑިއެއް ހޯދުމަށް ނޫންކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންނަށް ގޮނޑިއެއް ހޯދާކަށްނޫން، އަޅުގަނޑުމެން މިއުޅެނީ ދިވެހި ރައްޔިތުންނަށް ގޮނޑިއެއް ހޯދަންވެގެން، ދިވެހި ގައުމަށް ގޮނޑިއެއް ހޯދަން ވެގެން، ދިވެހި ޒުވާނުންނަށް ގޮނޑިއެއް ހޯދަން ވެގެން، މާދަމާގެ މުސްތަގުބަލު އާރާސްތުކުރާނެ ގޮނޑިއެއް ހޯދަން ވެގެން، އަޅުވެތިކަމަށް ނޫނެކޭ ބުނާނެ ގޮނޑިއެއް ހޯދަން ވެގެން، ތަފާތުދީންތައް މިތަނަށް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ ގޮނޑިއެއް ހޯދަން" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހިތްވަރު ހޯއްދަވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފަރާތްޕުޅުން ކަމަށާއި، އެއީ ވަރުބަލިވެވަޑައިގަންނަވާ ބޭފުޅެއްނޫން ކަމަށެވެ. އަދި ދީނާއި ގައުމުގެ ހައްގުގައި ރައްޔިތުންނަށްޓަކައި ކުރަށްވަންޖެހިވަޑައިގަންނަވާ އެއްވެސް މަސައްކަތްޕުޅެއްގައި ރައީސް ޔާމީން ވަރުބަލިފުޅެއްނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަބަދުވެސް އިސްކުރަށްވާނީ ދީނާއި، ދިވެހި ގައުމާއ،ި ގައުމީ މަސްލަހަތު ކަމަށާއި، އަދި އަބަދުވެސް އިސްކަން ދެއްވާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ވޯޓުލާ ދުވަހު ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"ވޯޓު ފޮއްޓާއި ހަމައަށް ވަޑައިގެން ކަރުދާސްކޮޅު ލިބުމުން ފުރަތަމަ ބައްލަވާލަންވާނީ އޭގައި އެއްވެސް ކަހަލަ ކުރެހުމެއް ހުރިތޯ، ދެލިކޮޅެއް ނަމަވެސް އޭގައި ހާކާފައި ހުރިތޯ، ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭކަމެއް މިއީ، މިއީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުަގައި ވެސް ހިނގާފަހުރިކަމެއް، އެހެންވީމަ ވަރަށް ރަނގަޅަށް މިކަމާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގެ ބޭފުޅުން ސަމާލުވެވަޑައިގަންނަވަންވާނެ، ސާފު ވޯޓު ކަރުދާސްކޮޅެއްތޯ ބައްލަވާފަ ޔަގީން ކުރަށްވާފަ ފާހަގަ ޖައްސަވަންވާނެ" އަދުރޭ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރަށްވާ ފަތުހީއަކީ ޝަރީޢަތާއި، ޤާނޫނުގެ ރޮނގުން ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވުމަށްފަހު، ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރަށްވައިގެން ހުންނެވި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި 32 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތާއި، ސަރުކާރުގެ އެކިމަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ފަތުހީގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.